ދިވެހި ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ އާއި ރަށުން މުޅި ގައުމު ޒީނަތްތެރި ކުރަމުންދާ އިރު ގައުމުގެ މަލަމަތި ދުރަށް ވެސް ފެންނަނީ ފެއްސާއި ރަތާއި ހުދުންނެވެ.

ގައުމީ ކުލަތަކަކީ އަބަދު ވެސް ދިވެހިންގެ ހިތްތަކާ ކުޅެލާ ކުލަތަކެކެވެ. ޒަމާނުއްސުރެ ވެސް ދިވެހިންނަކީ ޖުލައި 26 ދުވަސް ފެއްސާއި ރަތާއި ހުދުން ފާހަގަކުރަމުން އައި ބައެކެވެ. އަހަރުތައް މަތިން ފާހަގަކުރަމުން އައި އުފާވެރި މިނިވަން ދުވަހަށް ރާއްޖެ އަލިވިލޭ އިރު މިފަހަރުގެ މިނިވަން ދުވަހުގެ ކުލަ ގަދަވެފައި ހާއްސަކަން ބޮޑެވެ.

މިނިވަން 50 ހަށް މާލެ ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ

މި އަހަރު މިނިވަން ކަމަށް 50 އަހަރު ފުރޭ އިރު އެކަމުގެ އުފާ ލިބިނުގަންނަ މީހެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ކުދިބޮޑު އެންމެނެވެ. އާއިލާތަކާއި ޒުވާނުންނެވެ. މިކަހަލަ ބޮޑު އީދެއް އައްނާނީ މަދުފަހަރަކު އެވެ.

ފެއްސާއި ރަތާއި ހުދުގެ ބޮކިތައް ކުޑަކުދިންގެ "ފެވަރިޓް"

ކުޑަކުދިންނަށް އެންމެ ކަމުދަނީ މާލޭގައި މަގުތައް ޒީނަތްތެރި ކުރުމަށް ހަރުކޮށްފައި ހުރި ފެއްސާއި ރަތާއި ހުދުކުލައިގެ ބޮކިތަކެވެ. ގިނަ އަދަދެއްގެ ކުޑަކުދިން މަގުތައް މަތީ ބޮކިތައް ބަލާލައި ބޮކިތަކާ އެކު ފޮޓޯ ނަގާލަން ނުކުމެ އުޅުނު އިރު މޫނުމަތިން ފެންނަމުން ދަނީ އުފާވެރިކަމެވެ. ވާހަކަ ދައްކާލި ގިނަ ކުދިން ބުނީ ބޮކިތައް ވަރަށް ރީތި ކަމަށެވެ.

މިނިވަން 50 ގެ ކުލަބޮކިތައް ބަލައިލަން ކުޑަކުދިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

"ބޭނުން ވަނީ ބޮކިތައް ގެއަށް ގެންދަން، ވަރަށް ރީތި ހުރިހާ ކުލައެއްގެ ބޮކި ވެސް"

މިނިވަން 50 ގެ ކުލަބޮކިތައް ބަލައިލަން ކުޑަކުދިން -- ސަންފޮޓޯ -- ފަޔާޒު މޫސާ

ތަފާތު އެކި ޑިޒައިންތަކަށް ކުލަބޮކިތައް ފިޔަޖަހާއިރު ކުޑަކުދިން ގަޔާވާ ޒާތުގެ މަލާއި ލޯންޗު އަދި މީހުން ވެސް ވަނީ ކުލަ ބޮކި ބޭނުންކޮށްގެން ހަދައިފަ އެވެ.

ޖުމްހޫރީ މައިދާނުގެ ފަންވާރުގައި ކުޑަކުދިން މަޖާ ކުރަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

އޭގެ އިތުރުން ކުޑަކުދިންނަށް އެންމެ ކަމުދިޔައީ އެމްޓީސީސީ އިން ޖުމްހޫރީ މައިދާނުގައި މިނިވަން 50 އަށް ހާއްސަކޮށްގެން ހަދާފައި ހުރި ފެން އަރުވާ ވަޑާމެވެ.

ޖުމްހޫރީ މައިދާނުގެ ފަންވާރުގައި ކުޑަކުދިން މަޖާ ކުރަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ގިނަ ކުދިން ފެނާ ކުޅެލައި އެތަނުގެ ތެރޭގައި ދުވެލުން ވަނީ މަޖާ ކަމަކަށެވެ.

ފެންއަރުވާ ވަޑާމުގެ ތެރޭގައި ކުޑަކުދިން ދުވެލައި އުޅޭ މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ.

ޖުމްހޫރީ މައިދާނުގެ ފަންވާރުގައި ކުޑަކުދިން މަޖާ ކުރަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ޒުވާނުންގެ ހިތުން ގައުމީ ލޯބި ފެނޭ

މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރީތައް ވަމުންދާ އިރު އެންމެ ބޮޑު ފޯރިއަކާއި ޖޯޝެއް ފެނިގެން ދަނީ ޒުވާނުންގެ ކިބައިންނެވެ. ހަމަގައިމު ވެސް އެއްކަމެއް ޔަގީންވެއްޖެ އެވެ. ރާއްޖޭގެ ޒުވާނުންގެ ހިތުގައި ގައުމީ ލޯބި އޮތްކަން ޔަގީންވެ ހާމަވެއްޖެ އެވެ.

މާލޭގައި ތަންތަން ޒީނަތްތެރި ކުރުމާއި މިނިވަން ދުވަހަށް އެކި އެކި ހަރަކާތްތައް ހިންގުމުގައި ވެސް ގިނަ އަދަދެއްގެ ޒުވާނުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިނިވަން 50 އަށް ތައްޔާރުވުމުގައި ޒުވާނުން -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން

ޒުވާނުންނަށް ހާއްސަކޮށްގެން ވެސް ގިނަ ހަރަކާތްތަކެއް ހިންގޭ އިރު އެ ހުރިހާ ކަމެއްގައި ވެސް ޒުވާނުންގެ ޝާމިލުވުން ބޮޑެވެ.

މިނިވަން 50ގެ ޒުވާނުން އެންމެ ގަޔާވީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އަދި ބޮލީވިޑްގެ މަޝްހޫރުތަރި ބިޕާޝާ ބާސޫ ގެނެސްގެން ބޭއްވި މިއުޒިކް ޝޯ އެެވެ. ޝޯ ބެލުމަށް ގޮސްތިބި މީހުން މުޅިތަން ފުރާލާފައިވާ އިރު، އެންމެން ވެސް ވަނީ ފޯރި ނަގާފަ އެވެ.

މިނިވަން 50 އަށް މާލެ ދިއްލާފައި -- ސަންފޮޓޯ -- ފަޔާޒު މޫސާ

މާދަމާވެސް އިތުރު ކުރޅިވަރުތަކާއި ހަފްލާތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިރު، މިނިވަން 50 ގެ ކޮންމެ ހަރަކާތަކީ ވެސް ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ.