ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް އެއްބަސްވެފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިރޭ ސަން އަށް ވިދާޅުވީ ރައީސް ނަޝީދު މިނިވަންކުރުމަށް އަބަދުވެސް އެމްޑީޕީން ހުށަހަޅަމުން އަންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީއާ އެކު ބޭއްވި އެއްވެސް މަޝްވަރާ ބައްދަލުވުމެއްގައި އެކަމަށް އެއްބަސްވެފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑު ނޯންނާނެ އެއްވެސްއިރަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް އެއްބަސްވެފައެއް. ތިޔަ ބޭފުޅުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލު ކުރެން އައްސަވާ. އިބޫއަކަށް ނުކެރޭނެ އަޅުގަނޑު ރައީސް ނަޝީދު މިނިވަންކުރަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވާ ކަށެއްއުމަރު ނަސީރު

އެމްޑީޕީއާ އެކު ސަރުކާރުން ކުރާ މަޝްވަރާތައް ޗެއާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

މާދަމާ އަކީ މިނިވަން ދުވަސް ކަމަށްވާ އިރު، އެދުވަސް އަންނަންވާއިރަށް ރައީސް ނަޝީދު މިނިވަންނުކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ފޯނު ނުނަންގަވާތީ އެކަމާ ބެހޭ ގޮތުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ ޕާޓީގެ ފަރާތުން ކުރުމަށް ސަރުކާރުން ހުށަހެޅި ކަންކަން އެ ޕާޓީން ވަނީ ކޮށްފައި ކަމަށާއި ނަމަވެސް އެ ޕާޓީން ސަރުކާރަށް ހުށަހެޅި ކަންކަން ކޮށްދީފައިނުވާ ކަމަށެވެ.

ސަރުކާރުން ކޮށްދީފައިނުވަނީ އެ ޕާޓީން ހުށަހެޅި ކޮންކަމެއް ކަން އެމްޑީޕީން މިހާތަނަށް ބުނެފައެއް ނުވެ އެވެ.