09 Mar 2011, 15:15
މުސާރަ އަށް ބަދަލު ގެނެވޭނީ ބޯޑުގެ މަސައްކަތްތަކަށް ބެލުމަށް ފަހުގައި ކަމަށް މާލިއްޔަތު ކޮމިޓީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ)ގެ މެންބަރުންގެ މުސާރަ ބޮޑުކޮށްދިނުމަށާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށާއި ޑެޕިއުޓީ ކޮމިޝަނަރުގެ މުސާރަ އަށް ބޯޑު މެންބަރުންނަށްދޭ މުސާރަ އިތުރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ސިޓީއަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ކުރެވުނު މަޝްވަރާތަކުގައި ކޮމިޓީގެ މެންބަރުން ވިދާޅުވީ، މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންގެ މަސައްކަތާއި އެ ކޮމިޝަނުގެ މެންބަރުންގެ މަސައްކަތް ތަފާތު ކަމަށެވެ. އަދި ބޯޑު މެންބަރުންގެ މުސާރަ ކުޑަވެގެންއުޅެން އަދި މާ އަވަސް ކަމަށެވެ. އަދި ގާނޫނު ބުނާ ގޮތުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށާއި ޑެޕިއުޓީ ކޮމިޝަނަރަކީ ބޯޑުގައި ހިމެނެން ޖެހޭ ބޭފުޅުން ކަމަށް ވާތީ ބޯޑު މެންބަރުންނަށްދޭ މުސާރަ އެބޭފުޅުނަށް އިތުރު ކުރަން ނުޖެހޭ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އަދި ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވަމުންދާކަން ވެސް އެ މެންބަރުން ފާހަގަ ކުރެއްވި އެވެ.
"ތިޔައުޅެނީ މުސާރަ ބޮޑުކޮށްގެން ސިޔާސީ ކަންކަމުގައި ބައިވެރިވާން. އަޅުގަނޑު ބޭނުން އެބޭފުޅުން މިތަނަށް ގެނަސްގެން ވާހަކަ ދައްކަން. ބޯޑުގެ ބައެއް މެންބަރުންނަކީ ސިޔާސީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން. އެ ބޭފުޅުން ބޯޑުން ވަކިކުރެވެން ޖެހޭނެ. ސިޔާސީ ކަންކަމުގައި ބައިވެރިވާން ކީއްކުރަންތޯ އެބޭފުޅުން ބޯޑުގައި ތިއްބަވަންވީ،" މާފަންނު ހުޅަނގު ދާއިރާގެ އަބުދުﷲ އަބުދުއްރަހީމް ވިދާޅުވި އެވެ.
މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވީ، މިހާތަނަށް މީރާގެ ބޯޑުން ބައްދަލުވުންތައް ބޭއްވި އަދަދު ބަލަން ޖެހޭ ކަމަށެވެ. އަދި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ހޯދާފައިވާ މިންވަރާއި އެފަދަ ފަރާތްތައް ބޯޑުން ޒިންމާދާރު ކުރުވާފައިވާ މިންވަރު ބަލަން ޖެހޭ ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، ބޯޑު މެންބަރުންގެ މުސާރަ އަދި ކުޑަވެގެންއުޅެން މާ އަވަސް ކަމަށެވެ. އަދި މިހާތަނަށް އެބޯޑަށް ޝަރީއަތަށް ފޮނުވުނީ އެންމެ މައްސަލައެއް ކަމަށާއި އެއީވެސް "އަތްފައެއްނެތް" ފަދަ ބައެއްގެ މައްސަލަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވީ ބޯޑު މެންބަރުންގެ މުސާރަ ކަނޑައަޅާފައި ވަނީ އެބޭފުޅުންނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލައްވާއިރު މުސާރަ އެނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީރާ ބޯޑު މެންބަރެއްގެ މުސާރައަކީ 10،000 ރުފިޔާ އެވެ. އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރައަކީ 57000 ރުފިޔާ އެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރުގެ މުސާރައަކީ 45000 ރުފިޔާ އެވެ.