މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރި މީހުންގެ އަދަދު 12 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.

ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް 6002 މީހުން ހާޒިރުކޮށްފައިވާއިރު. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކޯޓަށް ހާޒިރުކޮށްފައި ވަނީ 4670 މީހުނަނެވެ. އެއީ ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 12 ޕަސެންޓު ދަށް އަދަދެކެވެ.

މި އަހަރު ގެ ފުރަތަމަ ހަ މަސް ދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 4670 މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އޭގެތެރެއިން 3785 މީހުން ބަންދުގައި ބެއިތިއްބުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ 885 މީހުންނެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ ތެރޭގައި އެއްމެގިނައީ ވައްކަމާއި، މަސްތުވާތަކެތީގެ ތަފާތު ކުއްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި، އަމުރަށް ނުކިޔަމަންތެރިވެގެން ކޯޓަށް ހާޒިރުކުރި މީހުންނެވެ.

ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ، މިއަހަރުގެ ފުރަތަމް ހަ މަސް ދުވަހު އަމުރަށް ނުކިޔަމަންތެރިވެގެން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މީހުންގެ އަދަދު 11 ޕަސެންޓު މައްޗަށް ގޮސްފައިވާއިރު، މަސްތުވާތަކެތީގެ ތަފާތު ކުށުގައި ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ އަދަދު 15 ޕަސެންޓު ވަނީ ދަށަށް ގޮސްފައެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހު މަސްތުވާތަކެތީގެ ތަފާތު ކުށްކުށުގައި ބަންދާ މެދު ގޮތެއް ނިންމުމަށް 1938 މީހުން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އެއީ ވޭތުވެދިޔަ ހަ މަސް ދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މީހުންގެ 41 ޕަސެންޓެވެ.

އަދި ވޭތުވެދިޔަ ހަ މަސް ދުވަހު ވައްކަމުގެ ތަފާތު ކުށްކުށުގައި ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ 974 މީހުންނެވެ. އެއީ ވޭތުވެދިޔަ ހަ މަސް ދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ 21 ޕަސެންޓެވެ.

ތިންވަނައަށް އެންމެގިނައީ އަމުރަށް ނުކިޔަމަންތެރިވެގެން ކޯޓަށް ހާޒިރުކުރި މީހުންނެވެ. އެއީ 778 މީހުންނެވެ. އެއީ ވޭތުވެދިޔަ ހަ މަސްދުވަހު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ 16 ޕަސެންޓެވެ.