ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހަށް ވޯޓު ދިނީ އިޚްލާސްތެރިކަމާ އެކު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދުގެ ރަސްމީފޭސްބްކް އެކައުންޓުގައިއޭނާ މިއަދު އާންމު ކުރެއްވި ލިޔުމެއްގައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީސް މެމްބަރުން ވެސް އަމަލު ކުރެއްވީ އިޚްލާސްތެރިކަމާ އެކު ކަމަށާއި ނަމަވެސް މިފަހަރު ކާމިޔާބު ނުލިބުނު ކަމަށެވެ.

ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވެސް ޕާޓީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ވެސް ކަންކުރެއްވީ އިޚްލާސްތެރިކަމާ އެކު. މިފަހަރު ކާމިޔާބެއް ނުވިއަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ސަރުކާރުން އެދުނު ގޮތަށް އޭނާ މަޖިލީހުގައި ވޯޓު ދެއްވުމުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އޭނާ އަށް ނިސްބަތްކޮށް ވަރަށް އިހާނެތި ބަސްތަކެއް ބުނަމުން އަންނަ ކަމަށެވެ.

ޑީއާރްޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތީ ފައިސާ އަށް ނޫން ކަމަށާއި މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ސިޔާސަތުތައް ގަބޫލުކުރާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމާ އެކު ސަރުކާރާ އެކު މަޝްވަރާ ކުރުމުގެ ފުރުހަމަ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހަށް ދީފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އެއްބަސްވިކަންތައް ގައުމީ މަޖިލީހުގެ މެމްބަރުން ގެންދިޔައީ ކޮށްދެމުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ކަންވެ ނިމުނު އިރު އަޅުގަނޑުމެން އެދުނު ނަތީޖާއެއް ނުނިކުތް. އެކަން ނުވީ ޕާޓީގެ ފަރާތުން ޑެލިވާކުރަން ޖެހޭ ކަމެއް ނުކުރެވިގެނެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.