ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ "ފިޠުރު އީދު ބައިބަލާ މުބާރާތް 1436"ގެ ގަދަ 16ގެ މެޗުތައް އަންނަ އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައި އޮތް ގަދަ 16ގެ މެޗުތަށް މޫސުން ތަން ނުދިނުމުގެ ސަބަބުން ބުރާސްފަތި ދުވަހުގެ ރެއަށް ބަދަލުކުރުމަށް ފަހު، އެރޭ ވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މެޗުތައް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

ބައިބަލާ އެސޯސިއޭޝަނުން ބުނީ، މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް މުބާރާތުގެ ނުނިމި ހުރި މެޗުތަށް ފަސްކުރާން ޖެހުނީ މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އެދުމުގެ މަތީން ކަމަށެވެ.

"ބައިބަލާ މުބާރާތުގައި ބައިވެރިވެފައިވާ އެންމެ ހާ ކްލަތަކުގެ މައުލޫމާތައްޓަކައި ދަންނަވާލަން މުބާރާތުގެ މެޗުތައް މިމަހުގެ 28 ވަނަ ދުވަހަށް ފަސްކުރެވިފައި ވާކަމަށް. މިގޮތަށް ނިންމަން ޖެހުނީ، ލައިވް ފީޑް ނުލިބުމާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެދުމުގެ މަތީން،" ބައިބަލާ އެސޯސިއޭޝަނުން ބުންޏެވެ.

އާޓިފީޗަލް ބީޗާއި އަލިމަސް ކަނިވަލް ސަރަހައްދާއި ދެމެދު ހަދާފައިވާ ބައިބަލާ ކޯޓްގައި ކުރިއަށްދާ މުބާރާތުގައި 28 ވަނަ ދުވަހުގެ ރޭ ކުޅޭން ހަމަ ޖެހިފައިވާ ގަދަ 16 ގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ކުލަބު ޒެފްރޯލްއާއި ހާހާ ވީކޭ އެވެ.

ގަދަ 16 ގެ މެޗްތަކުގައި ބައްދަލު ކުރާ ޓީމްތައް

  1. ކުލަބު ޒެފްރޯލް - ހާހާ ވީކޭ
  2. އޮއެހާ ސްޕޯޓްސް - ލޮރެންޒޯ
  3. ސީކޭ - އެލްޓީ ބަނޑޭރި ކޮށި
  4. ކުޑަ ހެންވޭރު ޔުނައިޓަޑް - ބީޖީ ސްޕޯޓްސް
  5. އީގަލްސް އިން ތުރީ ޑީ - ޓީނޭޖް ޖޫނިއާސް
  6. ގްރީން ސްޓްރީޓް - މާފަންނު ކަންމަތި
  7. ކުލަބު ވޯންޓެޑް - ލޮރެންޒޯ ސްޕޯޓްސް
  8. ނަލަނަލަ ވައި ކަންމަތި - އެލްޓީ ސްޕޯޓްސް