މެލޭޝިއާގައި ކުރިއަށް ގެންދާ ޖޮހޯރު އޯޕަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ އިވެންޓުތަކަކުން ރާއްޖޭގެ އެތުލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދައިފިއެވެ.

އިއްޔެ ފެށި މުބާރާތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފައެވެ. އޭނާ ރޭސް ނިންމީ އޭނާ މި އިވެންޓުން މީގެ ކުރިން ގައުމީ ރެކޯޑް ހަދާފައިވާ ވަގުތަށް ވުރެ އަވަހަށެވެ. އޭނާ ގާއިމް ކޮށްފައިވާ ގައުމީ ރެކޯޑަކީ 10.40 ސިކުންތެވެ. އޭނާ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސް އާއި މި އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕު 100 މީޓަރު ދުވުމުގެ ރޭސް ނިންމީ 10:50 ސިކުންތުންނެވެ.

ފިރިހެނުންގެ ދުވުމުގެ އެ ކެޓަގަރީން ތިން ވަނަ އަދި ފަސް ވަނަ އަށް އައިސްފައިވަނީވެސް ރާއްޖޭގެ އެތުލީޓުންނެވެ. އެގޮތުން ނުޖޫމް ހަސަން ތިން ވަނަ އަށް 11.09 ސިކުންތުގެ ތެރޭގައި ރޭސް ނިންމާފައިވާއިރު ފަސްވަނައަށް ދިޔަ އިބްރާހިމް އަޝްފާން ރޭސް ނިންމާފައިވަނީ 11.50 ސިކުންތުންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދާފައިވަނީ އަފާ އިސްމާއިލްއެވެ. އޭނާ ރޭސް ނިންމީ 12:45 ސިކުންތުންނެވެ. ރާއްޖޭ ޓީމުގެ އައިމިނަތު ނަޒްރާ ވަނީ އަންހެނުންގެ 400 މީޓަރު ދުވުން 62:73 ސިކުންތުން ނިންމައި އެ އިވެންޓުގެ އެއްވަނަ ހޯދައިފައެވެ.

މުބާރާތުގެ ފިރިހެން 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ރާއްޖޭގެ ޒުވާން ދުވުންތެރިޔާ ހުސެއިން އީނާޝް އެވެ. އޭނާ ރޭސް ނިންމީ 48:33 ސިކުންތުންނެވެ.

ފިރިހެނުންގެ 800 މީޓަރު ދުވުމުން ފުރަތަމަ ތިން ވަނަ ހޯދާފައިވަނީ ވެސް ރާއްޖޭގެ އެތުލީޓުންނެވެ. އާދިލް ރަޝީދު، އެއް މިނެޓު 56:76 ސިކުންތުން ރޭސް ނިންމައި އެއްވަނަ ހޯދާފައިވާއިރު ދެ ވަނަ ހޯދާފައިވަނީ އެއް މިނެޓު 57:18 ސިކުންތުތެރޭގައި އަހުމަދު ހަސަން އެވެ. އަދި އެއް މިނެޓު 58.29 ސިކުންތުން ރޭސް ނިންމައި ތިން ވަނަ ހޯދާފައިވަނީ ހުސައިން ރިޒާއެވެ.

ޖޮހޯރު އޯޕަސްނގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަކީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނެވެ.