ޔަންގޮން، މިޔަންމާ، އޭޕީ: މިޔަންމާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ނުވަ މީހުން މަރުވެއްޖެ އެވެ.

މިޔަންމާގައި ކުއްލި ހާލަތުގައި އެހީދޭ ޖަމާއަތަކުން ބުނީ ވިއްސާރައިގެ ސަބަބުން 70000 މީހުން ހާލުގައި ޖެހިފައިވާ ކަމަށެވެ. ޔޫއެން ކޯޑިނޭޝަން ފޯ ހިއުމަނިޓޭރިއަން އެފެއާޒް އިން މިޔަންމާގެ ސަގައިން ސަރަހައްދާ ބެހޭ ގޮތުން އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އެސަރަހައްދުން 12000 ގެ ހަލާކުވެފައިވާ ކަމަށެވެ. އަދި އެސަރަހައްދުގެ ސްކޫލުތަކަށް ވެސް ގެއްލުންތައް ލިބިގެން ބަންދުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިޔަންމާގެ އަހްލިން ނަމަކަށް ކިޔާ ނޫހުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުގެ ހުޅަނގު އުތުރު ސަރަހައްދަށް 7.8 އިންޗީގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި އެއީ އެގައުމުގައި ފާއިތުވި 24 އަހަރު ތެރޭގައި ވެސް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނު މިންވަރު ކަމަށް ވެސް އެނޫހުން ބުންޏެވެ.

ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުގެ ޗަސްބިންތަކާއި ގިނަ މަގުތަކާއި ރެއިލްވޭތައް ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. އެހެންވެ، އެސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމުގެ ބައެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ.