ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހަށް ވޯޓު ދެއްވި މެމްބަރުން ބަދުނާމު ކުރަމުން ބައެއް ފަރާތްކުން ދާއިރު ވެސް އެކުމުގެ ހަގީގަތް އެމްޑީޕީން ހާމަކޮށްދެއްވާފައި ނުވާތީ އެކަމާ އިސްލާހަށް ވޯޓު ދެއްވި މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިސްލާހަށް ވޯޓު ދެއްވި މެމްބަރުން މިއަދު ނެއްރުވި ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅުނު އިސްލާހަށް ވޯޓު ދެއްވީ ސަރުކާރާއި އެމްޑީޕީއާ އެކު ކުރިއަށް ދިޔަ މަޝްވަރާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލިސް މެދުވެރިކޮށް ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަކަށް ވާތީ ކަމަށެވެ.

"އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި އެމްޑީޕީގެ ނޭޝަނަލް އެގެޒެކެޓިވް ކޮމެޓީންނާއި އެމްޑީޕީގެ ޕީޖީގެ އިއްތިފާގުން ސަރުކާރާ ނެގޯޝިއޭޓް ކުރުމުގެ އިހުތިޔާރާއި ބާރު ދެއްވާފައި ވަނީ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށެވެ. އެމަނިކުފާނާއި ސަރުކާރާ އެކު އެއްބަސްވެ ވަޑައިގެންނެވި ކަންތައްތައް ސީދާ ސާފުބަހުން ވަނީ ޕާޓީގެ ޕީޖީއާ ހިއްސާ ކޮށްދީފަ އެވެ. އަދި އަޅުގަނޑުމެން [އިސްލާހަށް ވޯޓު ދެއްވި މެމްބަރުން] ކައިރިން އެދިފައި ވަނީ ރައީސް އާއި ނައިބު ރައީސްގެ އުމުރު ފުރާއި ބަދަލުކުރުމަށް ވޯޓު ދިނުމަށާއި ނައިބު ރައީސް ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓު ދިނުމަށާއި އާ ނައިބު ރައީސަށް ރުހުން ދިނުމަށާއި ބިމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހަށް ވޯޓު ދެއްވުމަށެވެ." ބަޔާނުގައިވެ އެވެ.

އެހެންނަމަވެސް އެކަން އެގޮތަށް އޮއްވާ އެމްޑީޕީގެ ޕީޖީ ލީޑަރު ޕީޖީ މެމްބަރުންގެ ކިބައިން އެދިވަޑައިގަތީ "ފުރީ ވިޕެއް" ނެރެދެއްވުމަށް ކަމަށް ވެސް އިސްލާހަށް ވޯޓު ދެއްވި މެމްބަރުން ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިިއަދު ސަން އަށް ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން ކަންތައް ކުރީ ވަރަށް ވިޔާނުދާކޮށް ކަމަށާއި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭ އިސްލާހަށް ވޯޓު ދިނުމަށް އެބޭފުޅުންނަށް އެންގެވުމަށް ފަހު، ޕާޓީގެ ވަކި ބަޔަކު އެއާ އެއްގޮތަށް ވޯޓު ދެއްވާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެ ބޭފުޅުންގެ "އަގުވައްޓާލުމަށް" ޕާޓީން ކުރި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެއީ އެ ބޭފުޅުން "ގުރުބާން" ކުރުން ކަމަށެވެ.

ނަމަވެސް އެ 10 ބޭފުޅުންގެ ތެރޭގައި ހިމެނޭ، ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސަން އަށް ވަކިން ވިދާޅުވީ އެ ބަޔާން ނެރެފައި ވަނީ އެ ބޭފުޅުންގެ ކޮންސެންޓް ހޯދައިގެން ނޫން ކަމަށެވެ. އަދި އާޒިމު ވިދާޅުވީ މުޅި ބަޔާނަށް ވެސް އޭނާ އިންކާރު ކުރައްވާ ކަމަށެވެ.

އިސްލާހާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންނަކީ:

  1. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ (އެމްޑީޕީ)
  2. ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  3. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ (އެމްޑީޕީ)
  4. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އެމްޑީޕީ)
  5. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު (އެމްޑީޕީ)
  6. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (އެމްޑީޕީ)
  7. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
  8. އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ)
  9. ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އެމްޑީޕީ)
  10. ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް (އެމްޑީޕީ)

އިސްލާހަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުން ނެއްރުވި ބަޔާނުގައި ބުނެފައި ވަނީ ފުރީ ވިޕެއް ނެރުއްވުމަށް ޕާޓީގެ ޕީޖީ ލީޑަރު އެދިވަޑައިގަތީ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ދެ މެމްބަރަކު އެމްޑީޕީ ދޫކުރައްވާނެ ކަމުގެ އިންޒާރު ދެއްވުމުން ކަމަށެވެ. އަދި އެ އިސްލާހަށް ވޯޓު ދެއްވާ މެމްބަރުން ދިފާއު ކުރަން ޖެހިއްޖެ ނަމަ އާންމު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ.

އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންނަކީ:

  1. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  2. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  3. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  4. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
  5. މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު
  6. މަރަދޫ ދާއިރާގެ މެމްބަރު އިބުރާހީމް ޝަރީފް
  7. ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
  8. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު
  9. ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގު
  10. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ