މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގައި ގޭންގެއްގެ ވެރިއެއް ކަމަށްވާ ޖޯގިން ގުޒްމަން ޖަލުން ފިލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން ޖަލު އޮފިސަރަކު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުގައި ބަހައްޓަން މެކްސިކޯގެ ކޯޓުން ހުކުމް ކޮށްފި އެވެ.

ގުޒްމަން ޖަލުން ފިލާފައި ވަނީ 1.5 ކިލޯ މީޓަރުގެ ބިންގަރާހެއް ބޭނުންކޮށްގެން މިމަހުގެ 11 ވަނަ ދުވަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ވިދާޅުވީ، ގުޒްމަން ޖަލުން ފިލި އިރު ޖަލުގެ މޮނިޓަރިން ކޮންޓްރޯލް ސެންޓަރ ބަލަހައްޓަން ތިބި ދެ ސެކިއުރިޓީ ގާޑުންނާއި ޖަލު އޮފިސަރުގެ އަމަލުތަށް ވަރަށް ފުންކޮށް ދިރާސާކުރަން ބޭނުންވާ ކަމަށެވެ.

މީގެ ކުރިން ބޭއްވުނު ޝަރީއަތުގެ މަޖިލިސްތަކުގައި ގުޒުމަން ފިލިވަގުތު، ކަން ހިނގައިދިޔަ ގޮތާ ބެހޭގޮތުން އެ ތިންމީހުންނާއި ސުވާލު ކޮށްފައިވާއިރު ތިންމީހުންގެ ޖަވާބުތަކުގައިވެސް ދިމާނުވާ ކަންކަން ހުރިކަމަށް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.

ފަނޑިޔާރު ވިދާޅުވީ، ގުޒުމަން ޖަލުން ފިލައިގެން ދިޔަ ވަގުތު ޖަލުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ދެގާޑުން ފޯނު ނުނެގި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށެވެ.

އެ ތިންމީހުންގެ އިތުރުން ދެން ޖަލުން ހައްޔަރު ކުރި އޮފިސަރުންނާއި ދެކޮޅަށް ބާރުގަދަ ހެކިތަކެއް ނެތް ކަމަށްވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ގުޒްމަން އަކީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި އެކަކެވެ.

އޭނާ މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު ފިލީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް އަލުން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އެވެ.