ތެހެރާން (ޖުލައި 25): ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކުރި ނިއުކްލިއަ އެއްބަސްވުމަށްފަހު އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ގަލްފުގެ ދެ ގައުމަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިދަތުރުފުޅުގައި ޒަރީފް މިހާރުވަނީ ކުވައިތަށް ވަޑައިގެންފައެވެ. އަދި މިއަދު ހަވީރު އޭނާ ގަތަރަށް ވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގެ ބޭނުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކުރި ނިއުކްލިއަ އެއްބަސްވުމާ ގުޅިގެން ގަލްފުގެ އަރަބި ގައުމުތަކުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވާލައި އީރާނާއި ގަލްފުގެ ގައުމުތަކާ ދެމެދު ގުޅުންތައް ރަނގަނޅު ކުރުމަށް މަގުފަހިކުރުމަށް މަސައްކަތް ކުރުންކަމަށް އީރާނުގެ މީޑިޔާ ބުނެއެވެ.

އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް ނިއުކްލިއަ އެއްބަސްވުމާ ގުޅިގެން އުވާލެވިގެންދާއެވެ. އދ. ން މިހާރުވެސްވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާބެހޭ ގަރާރު ފާސްކޮށްފައެވެ. އަދި ހުޅަނގުގެ ބޭންކްތަކުގައި ފްރީޒްކޮށްފައިވާ އީރާނުގެ 150 ބިލިޔަން އެމެރިކާ ޑޮލަރުވެސް އަނބުރައި އީރާނަށް ލިބިގެންދާނެއެވެ.

މިއާއެކު އީރާނުގެ ތަރައްގީގެ ދުވެލި އެތަށް ގުނައެއް މައްޗަށްގޮސް ސަރަހައްދުގެ އެންމެ މުއްސަނދި ޔޫއޭއީ އާއި ގަތަރުފަދަ ގައުމުތަކާ އެއްވަރަށް އީރާނުގެ އިތްގިސާދު ފުޅާވެ ވަރުގަދަވެގެންދާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ. މިތަނަވަސްކަން އީރާނަށް ލިބިއްޖެނަމަ މިހާރަށްވުރެ އެތަށް ގުނައެއް އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ބާރުގަދަ ކުރުމުގެ ފުރުސަތު އީރާނަށްލިބި ގަލްފާއި މުޅި މެދުއިރުމައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ ފުރްސަތު އީރާނަށް ލިބިގެންދާނެ ކަމަށާ މިއީ ސައޫދީ އަރަބިޔާއަށާއި ގަލްފުގެ ކުދި އަރަބި ގައުމުތަކަށް ހުރި ބިރެއްގެ ގޮތުގައި އެގައުމުތަކުން ސިފަކުރެއެވެ. ނަމަވެސް އީރާނަކީ ފަހުގެ ތާރީޚަށް ބަލާއިރު އެއްވެސް ގައުމަކަށް އިސްވެ ޙަަމަލާދީ ހަނގުރާމަފަށައި އުދުވާން ހިންގާފައިވާ ގައުމެއްނޫނެވެ.

މެދުއިރުމަތީގައި މިފަހަކަށް އައިސް ފެށި ހުރިހާ ހަނގުރާމަތަކަކީވެސް ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތަށް ފަހަތުގައި ތިބެގެންނާއި ސީދާގޮތެއްގައި ބައިވެރިވެގެން ކޮށްފައިވާ ހަނގުރާމަތަކެވެ.

މީގެތެރޭގައި އީރާން އިރާގު ހަނގުރާމައާއި އެމެރިކާއިން އިރާގާ ދެކޮޅަށްކުރި ހަނގުރާމައާއި ސައޫދީން އިސްކޮށް ތިބެގެން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވަދެ މިޙާރު ދެމުންގެންދާ ވައިގެ ހަމަލާތައް ހިމެނެއެވެ.

އީރާން އިރާގު ހަނގުރާމައަކީ އީރާނުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށްޓަކައި ސައޫދީ އަރަބިޔައާއި ގަލްފުގެ އަރަބި ގައުމުތަކުން ފައިސާދީގެން އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން ލައްވައި ކުރިވި ހަނގުރާމައެކެވެ. 8 އަހަރުގެ މިހަނގުރާމައިގާ އިރާގުންވަނީ އީރާނުގެ ތިންބައިކުޅަ ދެބައި ބިން ހިފައި އީރާނުގެ މިލިޔަނަކަށްވުރެ ގިނަ ރައްޔިތުން މަރައި 5 މިލިޔަނަށްވުރެ ގިނަ މީހުން ޒަޚަމްކޮށް އީރާނުގެ އެތަށް ހާސް ވިލެޖެއް ހަލާކުކޮށް ވީރާނާކޮށްލާފައެވެ.

ނަމަވެސް ހަނގުރާމަ ނިމުނުއިރު އީރާންވަނީ މިހުރިހާ ބިންތަކެއްވެސް އިރާގު ގެ އަތްދަށުން މިނިވަންކޮށް އަސްކަރީ ގޮތުން އިރާގު ބަލިކޮށް އަމާންދޭން އިރާގަށް މަޖްބޫރުކޮށްފައެވެ. އަދި ދިހަވަރަކަށް އަހަރު ތެރޭގައި އީރާންވަނީ ބޭރުގެ ލޯންތަކާއި ނުލައި މިހުރިހާ ވިލެޖްތަކާއި ރައްތަށް އަލުން ބިނާކޮށް އާރާސްތުކޮށްފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު ސޮއިކުރި ނިއުކްލިއަ އެއްބަސްވުމަށް ޔޫއޭއީ އާއި ގަތަރުން ޑިޕްލޮމެޓިކް ގޮތަކަށް މަރްހަބާ ކިޔާފައިވާއިރު ސައޫދީ އަރަބިޔާވަނީ މިއެއްބަސްވުމާމެދު ކަންބޮޑުވާކަން ފާޅުކޮށްފައެވެ.

ޔޫއޭއީ އާއި ގަތަރަށް ކުރައްވާ ދަތުރުފުޅަށްފަހު އީރާންގެ ޚާރިޖީ ވަޒީރު ދެން ވަޑައިގަންނަވާނީ އީރާނުގެ ވަރަށް ބޮޑު ނުފޫޒެއް އޮންނަ އިރާގަށެވެ. (ރޮއިޓާސް)