ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރަމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމާފައިވީ ނަމަވެސް ސަރުކާރާ އެކު އިދިކޮޅު އެމްޑީޕީން ކުރަމުންދާ މަޝްވަރާތަކަށް ހުރަހެއް ނޭޅޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމު މުއާޒު އަލީ ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އެހެން ބާރަކުން ކުރާ ކަމަކާ ގުޅިގެން ސަރުކާރާ އެމްޑީޕީއާ ދެމެދު ކުރާ މަޝްވަރާއަށް ހުރަސް އެޅޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މުއާޒު މިހެން ވިދާޅުވެފައި މިވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާކަން ހާމަކުރުމާ ގުޅިގެން އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ޕީޖީ އޮފީހުން ނެރުުނު ބަޔާނުގައި ބުނެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އެގޮތަށް ނިންމަވާފައި ވަނީ ދައުލަތުން މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވާތީ، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ވ) އިން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީން ނިންމި ނަމަވެސް މަޝްވަރާއަށް ހުރަސް ނޭޅޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވާއިރު ސަރުކާރާއި އެމްޑީޕީއާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެމްޑީޕީން ކުރަން އެއްބަސްވި ކަންތައްތައް ކޮށްފައިވާ ކަަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް އެމްޑީޕީން ރޭ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ސަރުކާރުން ތަންފީޒު ކުރުމަށް އެމްޑީޕީން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަންކުރުން ހިމެނޭ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި ތަހުގީގު މަރުހަލާގަ އާއި ޝަރުއީ މަރުހަލާ ފުރިހަމަ ކުރަމުންދާ 1700 މީހުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް ވެސް އެމްޑީޕީން އެދިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.