25 Jul 2015, 09:50
ނައިރޫބީ (ޖުލައި 25) : އެމެރިކާގެ ރައީސް ބަރަކް އޮބާމާ އޭނާގެ ބައްޕަ ޙުސައިން އޮބާމާގެ އުފަން ގައުމު ކަމަށްވާ ކެންޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާމަ އާއި ދޮންކާފައާ އަދި ދައްތަ އާއި އެނޫން ވެސް އޮބާމާގެ ތިމާގެ މީހުންނާ ބައްދަލުކުރައްވައިފި އެވެ.
އޮބާމާ ކެންޔާގެ ވެރިރަށް ނައިރޫބީ އަށް ވަޑައިގެންނެވީ ރިޔާސީ މަތިންދާބޯޓު އެއަފޯސް ވަން ގަ އެވެ. ނައިރޫބީ އަށް ވަޑައިގެން ކެންޔާގެ ރައީސް އޮހޯރޯ ކެންޔާޓާއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ފަހު އޮބާމާވަނީ ނައިރޫބީގައި އޭނާ ހުންނަވާ ހޮޓަލުގައި މާމައާ އަދި އެއްބަފާ ދައްތައާއި އެނޫން ވެސް ތިމާގެމީހުންނާ ބައްދަލުކުރައްވާފަ އެވެ. އަދި އޮބާމާ ހުންނަވާ ހޮޓަލުގައި ރޭގައި އޮބާމާވަނީ ތިމާގެމީހުންގެ ޝަރަފުގައި ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅެއް ވެސް ދެއްވައި އެފަރިއްކޮޅުގައި އާއިލާގެ މީހުންނާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވާފަ އެވެ.
އޮބާމާއަކީ ކެންޔާގެ މުސްލިމެއް ކަމަށްވާ ޙުސައިން އޮބާމާ، އެމެރިކާގެ ދޮން ނަސްލުގެ ނަސާރާ އަންހެނަކާ ކައިވެނިކޮށްގެން ލިބިފައިވާ ބޭފުޅެކެވެ. އޮބާމާގެ ބައްޕަފަރާތުގެ ތިމާގެމީހުން ކެންޔާގައި ދިރިއުޅެމުންދެ އެވެ. މިބައިމީހުންނަށް އޮބާމާގެ އެހީއާއި ހަދިޔާ ލިބޭކަމަށްވެ އެވެ. މިއީ އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން އޮބާމާ ކެންޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅާ ގުޅިގެން ކެންޔާގެ ވެރިރަށް ނައިރޫބީގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަދި އޮބާމާގެ މޮޓޮކޭޑް ނައިރޫބީގެ މަގުތަކުގައި ދަތުރުކުރަމުން ދާއިރު ކެންޔާގެ އާންމު ރައްޔިތުން މަގުތަކުގެ ދެފަރާތަށްއެއްވެ އޮބާމާއަށް ހޫނު މަރްޙަބާއެއް ކިޔާފައިވެ އެވެ. އޮބާމާއާމެދު ކެންޔާގެ ރައްޔިތުން ދެކެނީ އެގައުމުގެ ރައްޔިތެއްގެ ގޮތުގައި ކަމަށާއި އޮބާމާއަށް ކެންޔާގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)