ސަރުކާރާއި އެމްޑީޕީއާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެމްޑީޕީން ކުރަން އެއްބަސްވި ކަންތައްތައް ކޮށްފައިވާ ކަަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ކުރުމަށް އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނުގައި ވަނީ އެމްޑީޕީން ސަރުކާރާ އެކު މަޝްވަރާކުރީ ހެޔޮނިޔަތުގައި ކަމަށެވެ.

"ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ މިނިވަން ދުވަހުގެ އިޙްތިފާލުތައް ކުރިއަށް ގެންދަވާއިރު ސަރުކާރުން ކުރުމަށް މި ޕާޓީއާ އެކު އެއްބަސްވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރުމަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ސަރުކާރުން ތަންފީޒު ކުރުމަށް އެމްޑީޕީން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަންކުރުން ހިމެނޭ ކަމަށް އެ ޕާޓީން ބުނެ އެވެ. އަދި ތަހުގީގު މަރުހަލާގަ އާއި ޝަރުއީ މަރުހަލާ ފުރިހަމަ ކުރަމުންދާ 1700 މީހުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް ވެސް އެމްޑީޕީން އެދިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ބަޔާނުގައި ވަނީ މަޝްވަރާތަކުގައި އެމްޑީޕީން ކުރަން އެއްބަސްވެފައިވާ ކަންތައްތަކުގެ ތަފްސީލް ވެސް ހިމަނާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުމުރު ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަށް ވޯޓް ދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓް ދިނުމަށް ސަރުކާރުން ޝަރުތުކޮށްފައިވާ ކަމަށާއި އަދި އެމްޑީޕީގެ ހުށަހެޅުންތައް ބަލައިގަނެވޭނީ އޭރުން ކަމަށް ސަރުކާރުން ބުނި ކަމަށް އެމްޑީޕީން ބުނެ އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓޭންޝަންއަށް ހުށަހަޅާފައިވާ މައްސަލަ ނަޝީދު މިނިވަން ކުރުމުން ހިމެނޭ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. އަދި އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހުއްޓާލުމަށް ވެސް ސަރުކާރުން އެދުނު ކަމަށް އެމްޑީޕީ ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުވާ ގޮތަށް ހުށަހެޅި އިސްލާހާ އެއްކޮޅަށް ވޯޓް ދިނުމަށް ވިޕްލައިނެއް ނެރެފައި ނުވާ ކަމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެ އިސްލާހަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވޯޓް ދެއްވާފަ އެވެ.