ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް އަހަރުފުރޭ މުނާއްސަބަތާ ގުޅިގެން ހަފްލާތަކުގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މާދަމާގެ އެކި ވަގުތުތަކުގައި އެކި ބޭފުޅުން މާލެ ވަޑައިގަންނަވާއިރު ޖުމްލަ 10 އިއްޒަތްތެރިއަކު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ބޭފުޅުންގެ ތެރޭގައި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް މާޑަމް ޝެން ޔޫޔޫގެ އިތުރުން ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރާއިދު މަލްކި ހިމެނިވަޑައިގަންނަވަ އެވެ.

މިނިވަން 50 އަށް ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިން

  • ސްރީލަންކާގެ ރައީސް މައިތިރި ޕާލާ ސިރިސޭނާ
  • މޮރިޝިއަސްގެ ސިވިލް ސާވިސް މިނިސްޓަރު އެލެން ވޮން ޔެންގް
  • ޗައިނާގެ ނެޝަނަލް ޕީޕަލް ކޮންގްރެސްގެ ނައިބު ރައީސް މާޑަމް ޝެން ޔޫޔޫ
  • ޕާކިސްތާނުގެ ސްޓޭޓް އެންޑެ ފުރޮންޓިއަރ ރީޖަން މިނިސްޓަރު އަބްދުލްގާދިރު ބަލަޗް
  • އިންޑިއާގެ ހެލްތް މިނިސްޓަރު ޖޭޕީ ނައްޑާ
  • ސައުދި އަރަބިއާގެ ކެބިނެޓް މިނިސްޓަރު މަންސޫރު ބިން އަބްދުލް އަޒީޒް
  • ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރާއިދު މަލްކި
  • ނޭޕާލުގެ ފޮރިން މިނިސްޓަރު މަހިންދްރަ ބަހަދުރް
  • ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޝާހްރިއާ އަލާމް

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ގައުމުތަކުގެ އިސް މަގާމުގެ ބޭފުޅުންތައް ރާއްޖެ ވަޑައިންނެވުމުން ދޭހަ ކޮށްދެނީ ރާއްޖެއާ ދޭތެރޭ އެ ގައުމުތަކުން ބާއްވާ ގާތް ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.