ބުރުންޑީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ މިހާރުގެ ރައީސް ޕޭރީ ކުރުންޒީޒާ ތިންވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.

ތިން ވަނަ ދައުރަކަށް ޕޭރީ އިންތިޚާބުވެފައި ވަނީ ވޯޓުގެ 70 ޕަސެންޓް ކާމިޔާބު ކުރައްވައިގެންނެެވެ.

އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް އިންތިޚާބު ބޮއިކޮޓް ކުރައްވައި އިންތިޚާބުގައި ވާދަނުކުރުމަށް ނިންމެވި އިދިކޮޅު ލީޑަރު އަގަތޮން ރަސްވާއަށް ލިބިވަޑައި ގަތީ 19 ޕަސެންޓް ވޯޓެވެ.

ރަސްވާ އިންތިޚާބު ބޮއިކޮޓް ކުރެއްވީ އެ ގައުމުގެ ސިޔާސީ މަސްރަހު ހުރި ގޮތުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އިދިކޮޅު ލީޑަރު ރަސްވާ އިންތިޚާބުގެ ނަތީޖާ ސިފަކޮށްފައި ވަނީ ޖޯކެއްގެ ގޮތުގަ އެވެ.

"މި ނަތީޖާ އަކީ އިލެކްޝަންސް ކޮމިޝަނުން ހަދައިގެން އުޅޭ ނަތީޖާއެއް. ވޯޓުގެ އަސްލު ނަތީޖާއެއް ނޫން،" ރަސްވާ ވިދާޅުވި އެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ މިހަފްތާ ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.