އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ލީގަލް އެފާއަޒް އެންޑް ޕޮލިޓިކަލް ޕާޓީސް ރެގިއުލޭޝަންސް މަރްޔަމް ހަނީފާ ހާލިދު، ވަޒީފާ އިން ވަކިކޮށްފި އެވެ.

ދިހަ ދުވަހުގެ ސަސްޕެންޝަން އަކަށް ފަހު ހަނީފާ ވަޒީފާ އިން ވަކިކޮށްފައިވާ ކަން ސަން އަށް ކަށަވަރުކޮށްދެއްވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ މިރޭ ވިދާޅުވީ، ހަނީފާގެ މައްސަލަ ބެލި ކޮމެޓީ އިން ނިންމި ކަންކަމަށް ބަލައި އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

"ވަޒީފާގައި ބަހައްޓައިފި ނަމަ ކޮމިޝަނަށް އިތުރު ގެއްލުންތަކެއް ކުރިމަތި ވެދާނެ ކަމަށް ކޮމިޝަނަށް ފެނުނު ހިނދު، ވަޒީފާއާ ބެހޭ ގާނޫނުގެ 23 މާއްދާގެ ހ.ގެ އެއް ވަނަ އަދަދާއި ހަވާލާދީ ވަޒީފާއިން ވަކިކުރަން ނިންމީ." އަހުމަދު އަލީ ވިދާޅުވި އެވެ.

އިތުބާރު ހުރި ގޮތަކަށް ސަން އަށް އެނގިފައިވާ ގޮތުގައި ހަނީފާ ވަނީ، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަަކަށް ޗެލެންޖްކޮށް ކޮމިޝަނަށް ގާނޫނީ ލަފާ ދީފައެވެ.

އޭގެ ތެރޭގައި އެކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް އާއި އަހުމަދު ފަޔާޒުގެ މަގާމު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށް ފުއާދުގެ މުސާރަ ހޯދުމަށް އެކޮމިޝަނަށް ހުށައެޅި ސިޓީއަކާއި ގުޅިގެން ފުއާދުއަކީ އެކޮމިޝަނުގެ މުއައްޒަފެއް ކަމަށް ބަލައި މުސާރަ ދޭން ޖެހޭނެ ކަމަށް ލަފާދިނުން ހިމެނެ އެވެ.

ހަނީފާ ވަނީ މީގެ ދެ އަހަރު ކުރިން، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް މަސައްކަތުން ދުރުކޮށްފަ އެވެ. އެފަހަރު އޭނާއާ މެދު ތުހުމަތު ކޮށްފައި ވަނީ ފުލުހަކާ ދިމާލަށް "މަނީމަނީ" އޭކިޔައި ގޮވި މައްސަލައެއްގަ އެވެ.