24 Jul 2015, 21:30
މިނިވަން 50 އާއި ގުޅިގެން ޖުމްހޫރީ މައިދާން މަރާމާތަށް ފަހު އަލުން ހުޅުވައިފިއެވެ. އެތަން ރަސްމީކޮށް ހުޅުވާދެއްވީ ތަފާތު ދާއިރާތަކުން ފަހާގަކޮށްލެވޭ 23 ފަރާތަކުންނެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާ ތަމްސީލްކުރާ ފަރާތްތަކާއި ޕައިލެޓުންނާއި ކުޅިވަރުކުޅުންތެރިންނާއި ދަރިވަރުންން ހިމެނެއެވެ.
ޖުމްހޫރީ މައިދާން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ އެކު އެ ދެ ކަނބަލުންގެ އެންމެ ހަގު ދަރިކަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި ޑރ. މުހައްމަދު ވަހީދު ހަސަން އާއި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ބައެއް މަޖިލިސް މެމްބަރުންނާއި ޖުޑިޝަރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމުހޫރީ މައިދާން ހުޅުވާފައި ވަނީ ބޮޑެތި ބަދަލުތަކާއި އެކުގައެވެ. އެންމެ ބޮޑު ބަދަލަކީ އަލަށް ހަދާފައިވާ ޒަމާނީ ފެން އަރުވާ ވަޑާމެވެ. އެއާއެކު އެމައިދާންވެސް ވަނީ ޒީނަތްތެރިކޮށްފައެވެ.
"މޮނިއުމަންޓު އޮފް ޔުނިޓީ" އެކުވެރިކަމުގެ ރަމްޒެއް
އެމްޓީސީސީން ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ޖުމުހޫރީ މައިދާނުގައި ވަނީ މޮނިއުމެންޓް އޮފް ޔުނިޓީ ދައްކުވައިދޭ ބިނާއެއް ހަދާފައެވެ. 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ އެކުވެރިކަން ދައްކުވައިދޭ ބިނާއެކެވެ. އެ ފެން އަރުވާ ވަޑާން ފަރުމާކޮށްފައިވަނީ ފެނުން ތެމިލައި އޭގެ ތެރޭގައި ކުޅެ ހެދުމުގެ ފުރުސަތު ލިބޭގޮތަށެވެ. އަދި މީހުންނަށް އިށީނދެ ތިބެވޭގޮތަށެވެ.
ފެން އަރުވާ ވަޑާމުން އެތައް މެސެޖެއް
އެ ފެންއަރުވާ ވަޑާން ފަރުމާ ކޮށްފައިވަނީ އިހުޒަމާނުގައި މީހުން ފެންވަރަން ބޭނުންކުރާ ވެވެއްގެ ގޮތަށެވެ. އެ ފެން އަރުވާ ވަޑާން ތައްޔާރުކޮށްފައިވަނީ އެކިދިމަދިމާލުން އެވަޑާން ބަލާލުމުން ތަފާތު މެސެޖްތައް ލިބިގެންދާ ގޮތަށެވެ.
ފެންއަރުވާ ވަޑާމުގެ އެކިދިމަދިމާލުން ފެންނަ މެސެޖްތައް
ގުއްބެއް: ރަމްޒުކޮށްދެނީ އިސްލާމްދީން
- އެ ފެންއަރުވާ ވަޑާމުގައި ފަސް ހަނދު ފަޅި: ބޭނުންކޮށްފައިވާއިރު އޭގެންވެސް ދައްކުވައިދެނީ އިސްލާމް ދީން
- ފަސް އިނގިލި: ރަމްޒުކޮށްދެނީ އަމިއްލަ ވަންތަކަން
- ދެ އަތް ޖޯޑްކޮށްލާ މަންޒަރު: އޭގެން ރަމްޒުކށްދެނީ އެކުވެރިކަމާއި އެއްބައި ވަންތަކަން
ޖުމުހޫރީ މައިދާން ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާއެރުމުގެ ހަރަކާތްތައް ދައްކާލާފައިވާއިރު އެތައް ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައެވެ.