24 Jul 2015, 20:11
ހއ. ހުވަހަންދޫ ކައިރިއަށް މަސް ބާނަން ގޮސް އުޅުނު ދޯންޏެއް އެ ރަށު ފަރަށް އަރައި، ބަންޑުން ޖަހާލައިފި އެވެ. އެ ދޯނި ބަންޑުން ޖަހާލުމުން ދޯނީގައި ތިބި މީހުން ވަނީ ފަތާފައި ހުވަހަންދޫއަށް އަރާފަ އެވެ.
ބަންޑުން ޖަހާލި ދޯންޏަކީ ހަތަރު މީހުންނާއެކު ހއ. އިހަވަންދޫއިން ފުރައިގެން ފަރު މަހަށް ނުކުތް ދޯންޏެކެވެ.
އިހަވަންދޫ ކައުންސިލްގެ މެމްބަރު އަލީ ރަމީޒު 'ސަން'އަށް އަށް ވިދާޅުވީ އެ ދޯނި ފުންކުރުމަށްޓަކާ ހުވަހަންދޫއަށް ދިއުމަށް ރައްޔިތުން އެއްކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދޯނި ފުންކުރުމަށްޓަކާ އެ ރަށަށް ދިއުމަށް މިހާރު ވެސް ބަޔަކު އަތިރިމައްޗަށް ޖަމާވެފައިވާ ކަމަށެވެ.
ދޯނި ފުންކުުރުމަށް އެހެން ދޯންޏެއް މިހާރު ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތައް އެހާ ތަފްސީލުކޮށް އަދި ނުލިބޭ ކަމަށް އަލީ ރަމީޒު ވިދާޅުވި އެވެ.