ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމެވުމުން ނަޝީދުގެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނަޝީދުގެ މައްސަލަ ޕީޖީ އިސްތިއުނާފުކުރަން ނިންމަވާފައި ވާތީ އެކަމާ ގުޅޭ ގޮތުން މިއަދު މޫކައި ހޮޓެލްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލު ހިސާން ހުސައިން ވިދާޅުވީ ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ޕީޖީ ނިންމެވީ ސަރުކާރުން ޕީޖީއަށް ނުފޫޒުފޯރުވައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހިސާން ވިދާޅުވީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕީޖީ އަރިހުން އެދިފައިވާނެ ކަމަށާއި ނަމަވެސް އެހުރިހާ ފަހަރަކު ވެސް ޕީޖީ އެ މައްސަލަ އިސްތިއުނާފު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ނަޝީދުގެ މައްސަލަ ޕީޖީ އިސްތިއުނާފުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ޕްރެސްގެތެރެއިން -- ސަންފޮޓޯ --ޔޫސުފް ސޮފްވާން

މިދަނޑިވަޅަކީ ސިޔާސީގޮތުން ހައްޔަރުކޮށްފައި ތިބި މީހުންނާއި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ދޫކޮށްލުމަށް އެމްޑީޕީ އާއި ސަރުކާރާ މެދު މަޝްވަރާކުރެވެމުންދާ ދަނޑިވަޅެއް. މި މަޝްވަރާތައް މިގޮތަށް ކުރިއަށް ދަނިކޮށް މައްސަލަ އިސްތިއުނާފު ކުރުމުން ޕީޖީގެ މަގްސަދާމެދު އެބަ ސުވާލު އުފެދޭހިސާން ހުސައިން

ރައީސް ނަޝީދު މިނިވަން ކުރުމަށް ސަރުކާރާ އެކު މަޝްވަރާތައް ކުރަމުންދަނިކޮށް ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރެއްވުމަކީ ޕީޖީގެ މަގުސަދާ މެދު ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ޕަބްލިކަލީ ވެސް ޕީޖީ ވިދާޅުވެފައި އެބަހުރި ތިމަންނަ ރައީސް ނަޝީދުގެ މައްސަލައެއް އިސްތިއުނާފެއް ނުކުރާނަމޭ، ތިމަންނަ ހުށަހެޅި މައްސަލައެއް ތިމައްނަމެން ކާމިޔާބުކޮށްފައޭ މިއޮތީ. އެހެންވީމަ ވިނިން ޕާޓީއެއް ނޫނޭ އިސްތިއުނާފު ކުރާނީހިސާން ހުސައިން

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު ހަސަން ލަތީފު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ޕީޖީ މައްސަލަ އިސްތިއުނާފު ކުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަތްޕުޅުމަތީ ނަޝީދުގެ މައްސަލަނެތް ކަން ބޭރު ދުނިޔޭގެ ފަރާތްތަކަށް އަންގައިދިނުމަށް ކަމަށެވެ.

ނަޝީދުގެ މައްސަލަ ޕީޖީ އިސްތިއުނާފުކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ޕްރެސްގެތެރެއިން -- ސަންފޮޓޯ --ޔޫސުފް ސޮފްވާން

އިންތިހާއަށް ބޭރުގެ ފިއްތުން ހުރިކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭ ރައީސް ނަޝީދު ދޫކޮށްލުމަށް. އެއީ ރައީސް ޔާމީންގެ މޭޒުކޮޅު މަތީގައި ރައީސް ނަޝީދުގެ މައްސަލަ މި އޮތީ. އެހެންނަމަވެސް އެ މޭޒުކޮޅު މަތިން ކޯޓަށް އެ މައްސަލަ ފޮނުވާލުމަށް ޓަކައި ޕީޖީގެ މޭޒުކޮޅު މައްޗަށް އެ މައްސަލަ ފޮނުވާލީ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީހަސަން ލަތީފު

ހަސަން ވިދާޅުވީ މައްސަލަ ނިންމިތާ 10 ދުވަސްހަމަވީ ފަހުން މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ޕީޖީއަށް ލިބިގެންވާ ކަމަށް ގަބޫލުފުޅުނުކުރެވޭ ކަމަށެވެ.