24 Jul 2015, 16:53
ރ. މަޑުއްވަރީގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހީމު ވިދާޅުވެއްޖެ އެވެ.
'ސަން' އަށް މައުލޫމާތު ދެމުން އަބްދުއްރަހީމު ވިދާޅުވީ ކައުންސިލަށް އެ މައުލޫމާތު ލިބުމާ އެކު އެމީހާ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
"ގާތްގަނޑަކަށް 3:50 އެހާކަންހާއިރު މަރުކަޒަށް ގެންދުވުނީ. ޑޮކްޓަރު ވިދާޅުވީ އޭރު އެ މީހާ މަރުވިތާ ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ވެފައިވާ ކަމަށް،" އަބްދުއްރަހީމު ވިދާޅުވި އެވެ.
އެ މީހާ ދަންޖެހިފައި ހުރީ އޭނާ ދިރިއުޅޭ ގޭގަ ކޮޓަރިއެއް ތެރޭގަ އެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި އެއީ އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ މީހެކެވެ. ފުލުހުންގެ ފޮރިންސިކް ޓީމެއް މިހާރު އެ ރަށަށް ދަތުރުކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.