09 Mar 2011, 13:24
ކައުންސިލް އިދާރާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ސަރުކާރުން އުފައްދާފައިވާ ގައުމީ އިދާރާތަކުން ހިފަހައްޓާތީވެ، ޑީއާރުޕީން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު [ނާނު] މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާ ގައުމީ އިދާރާތަކުން ހިފަހަށްޓަމުންދާތީ ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްއެޅޭ ކަމަށެވެ.
"ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާ ކުރެވޭނީ، އެތަންތަނަށް ބަޖެޓް ދީގެން. ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައަޅާފައިވާ އިރު އެ ފައިސާ ހިފަހައްޓާފައި ވަނީ އަނެއްކާ ވެސް 'ނުލަފާކަން' ދައްކަންވެގެން.” ނާޝިޒު ވިދާޅުވި އެވެ.
ނާޝިޒު ވިދާޅުވީ ކައުންސިލްތަކުން މި އަހަރު ހިންގަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތަފްސީލީ ބަޖެޓެއް އެކުލަވާލައި ގައުމީ އިދާރާތަކަށް ހުށަހެޅުމަށް ސަރުކާރުން އަންގަމުންދާ ކަމަށެވެ. އެފަދަ އެންގުމެއް ކައުންސިލް އިދާރާތަކަށް އެންގުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނާޝިޒު ވިދާޅުވީ ގައުމީ އިދާރާގެ ހަމައެކަނި މައްސޫލިއްޔަތަކީ މައި ސަރުކާރާއި ކައުންސިލްތަކާ ވާހަކަ ދައްކާނެ މެދުވެރިއެއްގެ ރޯލް އަދާ ކުރުން ކަމަށެވެ.
ށ. އަތޮޅު ކައުންސިލް އިދާރާގެ ފުނަދު އަށް ބަދަލު ކުރުމާ އެކު، އެ އިދާރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް މި މަހު މުސާރަ ނުލިބި ދުވަސްތަކެއް ވެފައި ވަނީ އެ އިދާރާތަކަށް ބަޖެޓް ކަނޑަނޭޅި ހުރުމާ ގުޅިގެން ކަމަށް އެ އިދާރާއިން ބުންޏެވެ. އެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުވައްޒަފުންގެ މި މަހުގެ މުސާރަ ހަމަޖެހިފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
ގައުމީ އިދާރާ އިން ކައުންސިލް އިދާރާ އަށް ފައިސާ ނުދީ ހިފަހައްޓާފައި ވަނީ ކައުންސިލް އިދާރާގެ އެކައުންޓްތައް ނެތުމުން ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ބައެއް ކައުންސިލް އިދާރާއިން ބުންޏެވެ.