އިސްލާމް އާބާދު (ޖުލައި 24): މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ޕާކިސްތާނުގައި ދުވާލެއްގެ މައްޗަށް 700 މީހުން މަރުވަމުންދާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޕާކިސްތާން ސަރުކާރުން ނެރުނު ތަފާސް ހިސާބުތަކެއް ދައްކާގޮތުން ޕާކިސްތާނުގައި ހަތް މިލިއަން މީހުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އެޑިކްޓް ވެފައިވާއިރު މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތަކުން ލިބޭ ގެއްލުންތަކުންނާއި އޯވަޑޯޒްވެގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 700 މީހުން މަރުވެ އެވެ.

ޕާކިސްތާނަކީ އަފިހުން ކުރިން އުފެއްދި ގައުމެއް ކަމަށްވިޔަސް އަފިހުން ދަނޑުތައް ނައްތާލާފައިވާ ކަމަށް އިޢްލާންކޮށްފައިވާ ގައުމެކެވެ. ނަމަވެސް އަވަށްޓެރި އަފްޣާނިސްތާނުގައި އަފިހުން އުފައްދާމިންވަރު އިތުރުވަމުންދާތީ އޭގެ ބޮޑުބައެއް ޕާކިސްތާނަށް ވަނުމުގެ އިތުރުން އޮޕިޔަމް ފްލާވަރ ޕާކިސްތަނުގައި މިހާރު ވެސް ވަރަށް ގިނައިން ހައްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އޭގެ ގިނަ ވައްތަރުތައް ބޭނުން ކުރި ނަމަވެސް މަސްތުވުމަށް އެންމެ ގިނައިން ބޭނުންކުރާ ކަމަށް ވަނީ ޑެޑް ފްލާވަރ ގެ ނަމުން ނަންދީފައިވާ އޮޕިޔަމް ފްލާވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަފިހުން އުފައްދަނީ މި ފްލާވާ ނުވަތަ މި މަލުންނެވެ.

އޮޕިޔަމް ފްލާވާ ނުވަތަ ޑެޑް ފްލަވާ ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު މިހާރަކަށް އައިސް ސިއްރިޔާތުގައި ހައްދަމުން ގެންދާކަމަށްވެ އެވެ. މަސްތުވާތަކެތީގެ ސަބަބުން ޕާކިސްތާނުގެ އިޖްތިމާއީ ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސްފައިވެ އެވެ. މަސްތުވާތަކެތީގެ ސަބަބުން ޕާކިސްތާނުގައި ވައްކަން އާދަޔާ ޚިލާފަށް ގިނަވުމާއި އާއިލާތައް ރޫޅުމާއި ދަރިންގެ މުސްތަގްބަލް ހަލާކުވުންފަދަ ބޮޑެތި ކާރިސާތައްދަނީ ހިނގަމުންނެވެ. (ޕާކިސްތާން މީޑިޔާ)