24 Jul 2015, 14:10
"މިނިވަން ކަމުގެ މަސްއޫލިއްޔަތު" އެމައުލޫގެ ދަށުން މިއަދުގެ ހުކުރު ހުތުބާގައި މައްސަލަތަކެއް ހުރި ކަމަށް ބައެއް އިލްމުވެރިން ފާހަގަކޮށްފި އެވެ.
މިއަދުގެ ހުކުރު ތުހުބާ ފެށުމުގައި ބުނެފައި ވަނީ "ހަމްދު ހުރީ ﷲ އަށެވެ. ކޮންމެ ގައުމަކަށް އެ ގައުމެއްގައި ގައުމީ މުނާސަބާގެ ގޮތުގައި ފާހަގަކުރާނެ ދުވަސްތަކެއް އެކަލާނގެ ލެއްވި އެވެ."
އެ އިބާރާތާ ގުޅޭ ގޮތުން ޝެއިހް އަލީ ޒާހިރު އާ "ސަން"އިން ސުވާލުކުރުމުން ވިދާޅުވީ "އެ އިބާރާތް އެގޮތަށް ރަނގަޅެއް ނޫން" ކަމަށާއި "އެގޮތަށް އަނެއްހެން ދުވަސްތަކެއް ﷲ ލެއްވިއޭ އެގޮތަށް އައީމާ" ރަނގަޅު ނޫން ކަމަށެވެ.
ޝެއިހް ވިދާޅުވީ އެގޮތަށް ހުތުބާ އޮތުމުން އެކަންކަން ރަނގަޅު ކުރުމަށް އިސްލާމިކް މިނިސްޓްރީ އަށް ދެންނެވި ކަމަށާއި އިސްލާމިކް މަރުކަޒުގެ ހުތުބާ ރަނގަޅު ކޮށްފައިވާކަން ފާހަގަވި ކަމަށެވެ.
ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ބައެއް މިސްކިތްތަކުގައި ވަނީ ބަދަލުނުކޮށް ހުތުބާ ކިޔައިފަ އެވެ. އިސްލާމިކް މިނިސްޓްރީގެ ސައިޓުގައި ހުތުބާ އަދި ވެސް ފެންނަން އޮތީ އެހެންނެވެ.
އެ އިބާރާތާ ގުޅޭ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ވިދާޅުވެފައި ވަނީ މިއަދު ކިޔަން އާންމުކޮށްފައިވާ ހުތުބާގައި "ﷲ އަށް ނިސްބަތްކޮށް ހަދާފައިވާ ބުހުތާން ދޮގު ވާހަކަތަކެއް" ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓުރީގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.