އަންކަރާ (ޖުލައި 24): އިރާގާއި ސޫރިޔާގެ ބޮޑު ބައެއް ހިފައިގެން އުޅޭ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިއެސް ގެ މަރުކަޒުތަކަށާއި އެ ޖަމާއަތުގެ ހަނގުރާމަވެރިން ތިބޭތަންތަނަށް ތުރުކީގެ ވައިގެ ސިފައިން ވަރުގަދަ ޙަމަލާތަކެއްދީފި އެވެ.

ތުރުކީގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ތުރުކީ އެފް 16 ގެ ހަނގުރާމަަމަތީ ޖެޓްތަކުން ވަނީ ސޫރިޔާގެ ސަރަހައްދުގައިވާ އައިއެސްގެ ހަނގުރާމަވެރިންގެ ހަތަރު މަރުކަޒަކަށް އެތަށް ފަހަރަކު ހަމަލާތައްދީފަ އެވެ. ނަމަވެސް އައިއެސްގެ ހަނގުރާމަވެރިންނަށް އެއިން އެއްވެސް ބޯޓެއް ވައްޓާލެވިފައިނުވާ ކަމަށާއި ހުރިހާ ބޯޓުތަކެއް ވެސް ސަލާމަތުން އެނބުރި އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ތުރުކީގެ ފުލުހުން ވެސް ވަނީ އިސްތަންބޫލްގައި އައިއެސްއަށް ތާއީދު ކުރާ މީހުން ތިބޭކަމަށް ޝައްކުކުރެވޭ 100 އަށްވުރެ ގިނަތަންތަނަށް ވަދެގަނެ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޖިހާދުގެ ނަމުގައި ސޫރިޔާއަށް ގޮސް އައިއެސްއާ ގުޅިގެން މީހުން މެރުމުގެ ހަރުކަށި އަމަލުތަކުގައި ބައިވެރިވުމަށް އައިސްތިބި މީހުން ހިމެނޭ ކަމަށް ތުރުކީގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.

ތުރުކީގެ އެއްގަމު ސިފައިން ވެސް އިއްޔެ ވަނީ ސޫރިޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އައިއެސްގެ ހަނގުރާމަވެރިންނަށް ބަރުހަތިޔާރުން ޙަމަލާތަކެއްދީފަ އެވެ. ތުރުކީގެ ދިފާއީ ވުޒަރާއިން ބުނީ ތުރުކީ ސިފައިންގެ ޙަމަލާތަކުގައި އައިއެސްގެ އެތައް ހަނގުރާމަވެރިންނެއް މަރާލެވުނު ކަމަށާއި އައިއެސްއާ ދެކޮޅަށް ބޭނުން ކުރާނެ ބަރުހަތިޔާރު ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށްފައިވާނެ ކަމުގަ އެވެ. އައިއެސްއާ ދެކޮޅަށް ތުރުކީ ސިފައިން ނުކުންނަން ފަށާފައި މި ވަނީ ތުރުކީގެ ރަށެއް ކަމަށްވާ ސުރޫޖުގައި އާންމުންނަށް އަމާޒުކޮށް މިދިޔަ ހަފްތާގައި އައިއެސް އިން ބާރުގަދަ ބޮމެއް ގޮއްވާލައި ގަތްލުއާންމެއް ހިންގައި 32 މީހުން މަރާލުމާ ގުޅިގެންނެވެ. އަދި އައިއެސްއިން ތުރުކީ ސިފައިންގެ އަމާޒުތަކަށް އިއްޔެ ޙަމަލާދީ ތުުރުކީ ސިފައިންގެ މީހަކު ވެސް މަރާލާފައިވެ އެވެ.

ޖިހާދުގެ ނަމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން އައިއެސް އާ ގުޅުމަށްދާ ތަކްފީރީ ވިސްނުމުގެމީހުން ފުރަތަމަ ދާކަމަށްވަނީ ތުރުކީއަށެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން މިކަމަށް ތުރުކީ އޮންނަނީ ލޯމަރާލައިގެންނެވެ. ނަމަވެސް އެންމެފަހުން އައިއެސްއިން ތުުރުކީގައި ވެސް ބޮންގޮއްވަން ފެށުމުން ތުރުކީގެ ލަޝްކަރުތައް މިވަނީ އައިއެސް އާ ދެކޮޅަށް ނުކުންނަން ފަށާފައެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ އައިއެސްއާގުޅުމަށް ދުނިޔޭގެ ގައުުތަކުންދާ ހަރުކަށި ފަރާތްތަކަށް ތުރުކީއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުން ހުރަސް ނުކުރެވޭނެ ގޮތްހަދާނެ ކަމުގެ ޔަގީންކަންވެސް އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް އަރުވާފައެވެ. (ރޮއިޓާސް)