ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މޮނާކޯއިން އިނގިރޭސި ވިލާތުގެ ޗެލްސީއަށް ބަދަލުވެފައިވާ ކޮލަމްބިއާ ފޯވާޑް ރަމަޑެލް ފަލްކާއޯ އަކީ އޭނާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ކުރިން ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ޗެލްސީގެ ކުރީގެ ފޯވާޑް ހެނާން ކްރެސްޕޯ ބުނެފި އެވެ.

ފަލްކާއޯއާ ގުޅޭގޮތުން ބީބީސީ ވޯލްޑް ފުޓްބޯލްގައި ވާހަކަދައްކަމުން ކްރެސްޕޯ ބުނީ، ފުޓްބޯޅައިގެ ދުނިޔޭގައި މުޅިން އެހެން ލެވެލެއްގައި ފާހަގަކޮށްލެވޭ ލިއޮނަލް މެސީއާއި ކްރިސްޓީއާނޯ ރޮނާލްޑޯ ނަގާފައި، "އަނިޔާގެ ކުރިން ފަލްކާއޯ އަކީ، ދުނިޔޭގެ ބެސްޓް ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް" ކަމަށެވެ.

"ފަލްކާއޯގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާގެ ކުރިން އޭނާގެ ކުޅުމާއި މިހާރު އޭނާގެ ކުޅުމުގައި ވަރަށް ބޮޑު ފަރަގެއް އެބަހުރި،" ކްރެސްޕޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގައި ރަމަޑެލް ފަލްކާއޯއަށް އެހާ ރަނގަޅު ކާމިޔާބީއެއް ނުހޯދުނު -- ފޮޓޯ: ބީބީސީ

ފްރާންސްގެ މޮނާކޯއަށް 2013 ވަނަ އަހަރު 50 މިލިއަން ޕައުންޑުގެ ފީއަކަށް ބަދަލުވުމުގެ ކުރިން، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުނު 86 މެޗުގައި 68 ލަނޑު ކާމިޔާބުކޮށް އޭގެ ކުރިން އެފްސީ ޕޯޓޯގައި ހޭދަކުރި ދުވަސްތަކުގައި އެޓީމަށް ކުޅުނު 72 މެޗުން 62 ލަނޑު ކާމިޔާބުކޮށްފައި ވާ ކޮލަމްބިއާ ފޯވާޑަކީ މީގެ ކުރީން ދުނިޔޭގެ އެންމެ މަތީ ދަރަޖައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް، އެފަހަރުގެ ސީޒަންގެ މެދެއްހާ ހިސާބު އޭނާގެ ކަކުލަށް ލިބުނު "އެންޓިރިއާ ކްރޫޝިއޭޓް ލިގަމެންޓް ޑެމޭޖް"ގެ ސަބަބުން ފަލްކާއޯ އަށް ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތުވެސް ގެއްލިފައެވެ.

މިދިޔަ ސީޒަން ފަލްކާއޯ ހޭދަކުރީ، ލޯނު އެއްބަސްވުމެއްގައި އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގައެވެ. އެހެން ނަމަވެސް ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ފަލްކާއޯ 29 މެޗު ކުޅެފައިވާއިރު އޭނާއަށް އެޓީމަށް ކާމިޔާބުކޮށްދެވުނީ އެންމެ ހަތަރު ލަނޑެވެ.

ހެނާން ކްރެސްޕޯ ވަނީ 2006 ވަނަ އަހަރުގެ ޕްރިމިއަލީގު ޗެލްސީއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި -- ފޮޓޯ: ބީބީސީ

ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރީޔާގެ ގޮތުގައި އިޓަލީގެ ޕަމާއިން ލާޒިއޯއަށް 2000 ވަނަ އަހަރު 40 މިލިއަން ޕައުންޑަށް ބަދަލުވި ކްރެސްޕޯ ވަނީ، ފަހުން ޗެލްސީއަށް ބަދަލުވެ 2006 ވަނަ އަހަރު އެޓީމަށް އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

"އެފަދަ ބޮޑު އިންޖަރީއަކުން އަރައިގަންނަން ވަރަށް ވަގުތު ނަގާނެ. އެއީކީ އެހާ ފަސޭހަކަމެއް ނޫން،" މިހާރު އިޓަލީގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ މޮޑެނާގެ ކޯޗުކަން ކުރަމުން އަންނަ އުމުރުން 40 އަހަރުގެ ކްރެސްޕޯ ފަލްކާއޯ އާ ގުޅޭ ގޮތުން ބުންޏެވެ.

ކްރެސްޕޯ ބުނީ، ފަލްކާއޯ އަކީ، ވެންހާލް ބޭނުންވާ ސްޓައިލްގެ ކުޅުންތެރިއެއް ނޫން ކަމަށާއި އެހެން ނަމަވެސް، އަމިއްލަ ނަފްސަށް އިތުބާރުކޮށް، އޭނާ ކުރިން ހުރި ފެންވަރަށް އެނބުރި އައުމަށް މަސައްކަތް ކޮށްފި ނަމަ، މޮރީނިއޯގެ ޓީމުން ފަލްކާއޯއަށް ފުރުސަތު ހޯދޭނޭ ކަމަށެވެ.

ނޯތު އެމެރިކާއަށް ޗެލްސީ މިހާރު ކުރަމުން ގެންދާ ތިންމެޗުގެ ޓްއާގައި، އަންނަ ހޮނިހިރު ދުވަހު، ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގައި ފަލްކާއޯ ފެނުން ގާތްކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.