09 Mar 2011, 12:52
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުސާރަ އާއި އެލެވަންސްތަކުގެ އޮނިގަނޑާ ހިލާފަށް 7500 ރުފިޔާގެ އެލަވަންސެއް ނެގި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މައްސަލަ ބަލަންފަށައިފި އެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް، ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމު މި މައްސަލަ ކޮމިޓީގެ ބަހުސަށް ހުޅުވައިލެއްވުމުން ބައެއް މެންބަރުން ވިދާޅުވީ، މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑަކީ ގާނޫނު އަސާސީގެ 102 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ އޮނިގަނޑެއް ކަމަށެވެ. އަދި އެ އޮނިގަނޑާ ހިލާފަށް، އެއްވެސް ފަރާތަކަށް އެލަވަންސް ނެގިގެން ނުވާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެ މައްސަލަ ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އަށް ފޮނުވަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ގާނޫނު އަސާސީގެ 102 ވަނަ މާއްދާ، މުއައްސަސާތަކަށް ހަނދާންކޮށްދިނުމަށް. މަޖިލީހުން ނިންމާފައިވާ މުސާރަ އާއި އިނާތްތަކުގެ އޮނިގަނޑާ ހިލާފަށް އެކި ނަންނަމުގައި އެލަވަންސްތަކާ އެއްޗެހި ދަނީ ނަގަމުން. މުސާރަ އާއި އިނާޔަތްތަކަކީ މަޖިލީހުން ފާސްކުރަން ޖެހޭ އެއްޗެއް. ބަޖެޓްގައި 7500 ރުފިޔާ ޖަހައިގެން އެލަވަންސް
ނަގާ މައްސަލަ ކޮމިޓީން ބަލައި އޭސީސީއަށް ފޮނުވަންވާނެ،" ކޮމިޓީގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު އަހްމަދު ނާޒިމު ވިދާޅުވީ، މީޑިޔާ ކައުންސިލްގެ މެންބަރުންނަށް ދޭން ނިންމާފައިވާ މުސާރަ ފިނޭންސް މިނިސްޓްރީ އަށް އެނގޭނެ ކަމަށެވެ. އަދި އޭގެ އިތުރުން 7500 ރުފިޔާގެ އެލަވަންސެއް ފިނޭންސް މިނިސްޓްރީން ފާސްކުރަންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ނާޒިމު ވިދާޅުވި އެވެ. އެ ވާހަކަ ފިނޭންސް މިނިސްޓްރީ އަށް ލިއުއްވާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
މި މައްސަލައިގައި މީޑިޔާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފާ ގުޅި އިރު ފޯނު ނުނެންގެވުމުގެ ސަބަބުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑީރެކްޓަރު ޖެނެރަލް އަލީ އާރިފް ވިދާޅުވީ މީޑިއާ ކައުންސިލްގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތް އެ މިނިސްޓްރީން ދޫކުރަމުން ގެންދަނީ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ކަމަށެވެ.
"އެލަވަންސްދޭތޯ ޖެހޭނީ ޗެކުކޮށްލަން." އާރިފު ވިދާޅުވި އެވެ.
އަލަށް ފާސްކުރި ދައުލަތުގެ މުސާރައިގެ އޮނިގަނޑު ބުނާ ގޮތުން މީޑިއާ ކައުންސިލްގެ މެންބަރުންގެ މުސާރަ އަކީ މަހަކު 5000 ރުފިޔާ އެވެ. ރައީސްގެ މުސާރައަކީ މަހަކު 8000 ރ. އެވެ. ނާއިބު ރައީސްގެ މުސާރައަކީ މަހަކު 6500ރ. އެވެ.
މުސާރައިގެ އިތުރު އެލަވަންސެއް ދިނުމަކަށް ފާސްކޮށްފައެއް ނުވެ އެވެ.