24 Jul 2015, 11:03
ޖުމްހޫރީ މައިދާނަށް ގޮސް ފެންއަރުވާ ވަޑާން ކައިރީ ފޮޓޯއެއް ނެގުމަކީ މާލެ އައިސްފިނަމަ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވި ޒަމާނެއް ދިޔައެވެ. އެތައް ބައެއްގެ ފޮޓޯ އަލްބަމް ތެރޭގައި ޅަދުވަހުގެ އެފޮޓޯތައް އަދިވެސް އެވަނީ ރައްކާކުރެވިފައެވެ. ނަމަވެސް އެ ރަމްޒީބިނާ ފަހުން ވަނީ އަޅާނުލެވި ވީރާނާވެފައެވެ. ފަހަކަށް އައިސް އެ ފެން އަރުވާ ވަޑާން ބަދަލުވީ ކޮތަރު "ސީލާ" ހާއްޔަކަށެވެ. މުޅި އެސަރަހައްދު ވީރާނާވެ ހަމައެކަނި ކޮތަރަށް ކާންދޭ މައިދާނަކަށް އެތަން ވެގެން ދިޔައެވެ. ނަމަވެސް މިއަދު މިވަނީ އެތަނަށް އުޖާލާކަން އަންނަން ފަށައިފައެވެ.
މިނިވަން 50 ފާހަގަ ކުރުމަށް ސަރުކާރުން ޖުމްހޫރީ މައިދާން ޒީނަތްތެރިކޮށް ބަދަލުތަކެއްގެނެސް މިރޭ އެތަން ހުޅުވާއިރު މިހާރު އެތަން ޑިޒައިން ކޮށްފައިވަނީ ކުޑަކުދިން "ހެލިފެލިވެ" އުޅުމުގެ ފުރުސަތު ލިބޭފަދަ ހިތްގައިމު މާހައުލަކަށެވެ. ގައުމީ ދިދައިގެ ހިޔާ ލިބޭ އެމައިދާނުން މިނިވަން ކަމާއެކު އުފާކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ. އެއާއެކު ދެން ލިބުނު އެންމެ ބޮޑު އުފާވެރި ހަބަރަކަށް ވެގެން ދިޔައީ އެމްޓީސީސީން އެ ސަރަހައްދުގައި އެންމެ ޒަމާނީ ފެންވަރުގެ ފެންއަރުވާ ވަޑާމެއް ގާއިމް ކުރުމެވެ.

"މޮނިއުމަންޓު އޮފް ޔުނިޓީ" އެކުވެރިކަމުގެ ރަމްޒެއް
އެމްޓީސީސީން ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ އެކުވެރިކަން ދައްކުވައިދޭ ބިނާއެކެވެ. އެ ފެން އަރުވާ ވަޑާން ފަރުމާކޮށްފައިވަނީ ފެނުން ތެމިލައި އޭގެ ތެރޭގައި ކުޅެ ހެދުމުގެ ފުރުސަތު ލިބޭގޮތަށެވެ. އަދި މީހުންނަށް އިށީނދެ ތިބެވޭގޮތަށެވެ.
"އެ ފައުންޓަންގެ ހަރުފަތްތަކެއް ހަދާފައި މިހުންނަނީ އިށީނދެ ތިބެވޭގޮތަށް. އެކަމުގައިވެސް ވަރަށް ބޮޑަށް ވިސްނާފައި ވާނެ މުސްކުޅިންވެސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ކުދިންވެސް އަދި ކަކުލުގަ މައްސަލަޖެހިފައި ތިބޭ ފަރާތްތަކަށް ވެސް އެންމެ ތިރިން ފެށިގެން މައްޗަށް ދެވޭގޮތަށް ހަދާފައި މިހުންނަނީ،" އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިއެވެ.
ފެން އަރުވާ ވަޑާމުން އެތައް މެސެޖެއް
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވިގޮތުގައި އެ ފެންއަރުވާ ވަޑާން ފަރުމާ ކޮށްފައިވަނީ އިހުޒަމާނުގައި މީހުން ފެންވަރަން ބޭނުންކުރާ ވެވެއްގެ ގޮތަށެވެ. އެ ފެން އަރުވާ ވަޑާން ތައްޔާރުކޮށްފައިވަނީ އެކިދިމަދިމާލުން އެވަޑާން ބަލާލުމުން ތަފާތު މެސެޖްތައް ލިބިގެންދާ ގޮތަށް ކަމަށް ހަލީމް ވިދާޅުވިއެވެ.

ފެންއަރުވާ ވަޑާމުގެ އެކިދިމަދިމާލުން ފެންނަ މެސެޖްތައް
- ގުއްބެއް: ރަމްޒުކޮށްދެނީ އިސްލާމްދީން
- އެ ފެންއަރުވާ ވަޑާމުގައި ފަސް ހަނދު ފަޅި: ބޭނުންކޮށްފައިވާއިރު އޭގެންވެސް ދައްކުވައިދެނީ އިސްލާމް ދީން
- ފަސް އިނގިލި: ރަމްޒުކޮށްދެނީ އަމިއްލަ ވަންތަކަން
- ދެ އަތް ޖޯޑްކޮށްލާ މަންޒަރު: އޭގެން ރަމްޒުކށްދެނީ އެކުވެރިކަމާއި އެއްބައި ވަންތަކަން
މިއަދު ބައްޕައިންގެ ގޮތުގައި ތިބި ފަރާތްތަަކަށް މިވަނީ އެމީހުން ކުޑައިރު މާލެއައިސް ފެން އަރުވާ ވަޑާން ކައިރީ ނެގި ފޮޓޯތަކުގެ ހަދާނުގައި އެއަށްވުރެ ޒަމާނީ ފެން އަރުވާ ވަޑާމެއްކައިރީ އެމީހުންގެ ދަރިންނާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ލިބިފައެވެ. އެއާއެކު އެކުދިންނަށް އެވަނީ އެ ފެންވަރާމުގެ ތެރެއަށްއެރި ފެންވަރައި ސަކަރާތް ޖަހާލުމުގެ ފުރުސަތު ލިބިފައެވެ.
ޖުމްހޫރީ މައިދާނަށްވެސް ޒަމާނީ ބަދަލުތަކެއް
ވީރާނާވެފައިވާ ޖުމްހޫރީ މައިދާނަށް ހައުސިން މިނިސްޓްރީން ފުރަތަމަވެސް ގެނައި ބަދަލަކީ ވިނަތައް އާކުރުމެވެ. ގިނަ ވިނަތައް މަރުވެފައިވާ އެބިމުން އެވިނަތައް ނަގައި ސްރީލަންކާއިން ވިނަގެނެސް ފެހި ރީތި ވިނައިގެ ދޫލެއް މިހާރު ވަނީ ފަތުރާލާފައެވެ. އެއާއެކު ފެހި ރީތި ސަރަހައްދެއް އެވަނީ ކަނޑައެޅިފައެވެ.

ޖުމްހޫރީ މައިދާނުގެ ވިނަތައް އާ ކުރުމުެ މަސައްކަތް ކުރަނީ-- ފޮޓޯ: މިނިސްޓަރު މުއިއްޒު ޓުވިޓާ
އެންމެ ކުރީއްސުރެން ވެސް ޖުމްހޫރީ މައިދާން ވަށައިގެން އިންދާފައި ހުރި ރުއްތަކުގެ ބުޑުގައި ހަދާފައި ހުންނަ އަށިތަކަކީ މީހުންނަށް އިނށީދެލެވޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. ނަމަވެސް އަޅާނުލެވި މަރާމާތު ނުކުރެވުމުގެ ސަބަބުން އެއަށިތައް ވަރަށް ބޮޑަށް ހަލާކުވެ، ކުލަ ވެއްޓިފައި ވެއެވެ. މިރޭ ހުޅުވޭ އެމައިދާނުގެ އެއަށިތައް ވަނީ އެސަރަހައްދަށް ކުޑަކުދިން ގޮވައިގެންދާ ބެލެނިވެރިންނަށާއި އެސަރަހައްދަށް ދާ އެކި އުމުރު ފަރާތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިހްސާސް ކުރެވޭ ގޮތަށް ސާފުކޮށް ރީތިކޮށްފައެވެ.
ޖުމްހޫރީ މައިދާނުގެ މެދުގައި ހަދާފައިވާ ވަށް ބުރަކީ ވެސް ގިނަ އަދަދެއްގެ ކުދިން ކުޅެމަޖާކޮށް ދުވެލަން ދާ ތަނެކެވެ. އަލަށް މިގެނައި ބަދަލާއެކު އެ ބުރު މިވަނީ ތަރިއެއްގެ ފިޔަހެން ދިގު ފިޔަތަކެއް ލާފައި ހަދާފައެވެ. އެއާއެކު ހުރިހާ ފަރާތްތަކުން ވިނަގަނޑަށް ނާރައި ޖުމްހޫރީ މައިދާނަށް ވަދެވެއެވެ. އެއީ ސްކޭޓް ކުރުމަށާއި ފުރޮޅުލީ ބޫޓު ދުއްވާ ކުދިންނަށް ލިބިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެއެވެ.

ޖުމްހޫރީ މައިދާން ހިތްގައިމު މާހައުލަކަށް
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވިގޮތުގައި ޖުމްހޫރީ މައިދާން މިރެއިން ފެށިގެން އާންމުންނަށް ހުޅުވާލާއިރު އެ މައިދާނަކީ އެކި އުމުރުގެ މީހުން އެތަނަށް އައިސް ތިބެ ހިތްހަމަޖައްސާލުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ތަނެކެވެ. އެ މައިދާން ކުރިއަށް އޮތްތަނުގައި ބޭނުން ކުރެވޭނީ ހިތްގައިމުކޮށްލުމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ވެރިރަށް މާލެއަށް އަންނަ ޓޫރިސްޓުންނަށްވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ހިތްގައިމު މާހައުލެކެވެ. މިފަހަރު އެފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ. ޓުއަ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ވިދާޅުވީ، ޖުމްހޫރީ މައިދާނަށް ފެންއަރުވާ ވަޑާމެއް އިތުރުވެ އެތަން ޒީނަތްތެރިވެގެން ދިއުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެއީ ޓޫރިސްޓުންނަށް ފޮޓޯ ނަގައި ހެދުމަށް ލިބޭ ފުރުސަތެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައި ވީރާނާވެދިޔަ ނުދޭނެ!
ދެން އޮތީ އެމައިދާނަކީ ވަގުތީ މައިދާނަކަށް ވެގެންދާނެތޯ ކުރެވޭ ސުވާލެވެ. ވެރިރަށް މާލޭގައި މިހާރު ހުރި ގިނަ ހިތްފަސޭހަ މައިދާންތަކަކީ ކުށްތައް ކުރުން އިތުރުވެ އެމައިދާންތަކުގެ ޒީނަތްތެރިކަން ގޮސްފައިވާ ތަންތަނެވެ. ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޕާކްތައް އެހެން ވެގެން ނުދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށާއި އެމިނިސްޓްރީން އެތަންތަން ޒީނަތްތެރިކޮށް ބަލަހައްޓާނެ ކަމަށެވެ.
ކޮންމެ އަކަސް މިނިވަން 50ގެ އުފަލުގައި މިލިބެނީ ބޮޑު ހަދިޔާއެކެވެ. ނަލަ ފެން އަރުވާ ވަޑާމާއެކު މިހުޅުވޭ މައިދާނަކީ ހެލިފެލިވެލުމަށް ކުދިންނަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. އަލަށް ގާއިމް ކުރެވޭ ފެން އަރުވާ ވަޑާމަކީ ކުޑަކުދިންނަށް ތެމިލައި އުފާކޮށްލެވޭނެ ތަނެކެވެ. އެއާއެކު މިނިވަންކަމުގެ އުފާ އެންމެން އެކުގައި ލިބިގަތުމަށެވެ.