ރާއްޖޭގެ ރަށްތަކުގައި ނަޖިސްފެނުން ފެންވެރުން ހުއްޓުވޭނީ އިގްތިސާދީގޮތުން ތަރައްގީކޮށްގެން ކަަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

" ބައެއް ބޭފުޅުން ޓްވިޓާ އާއި އެހެން އެއްޗެހީގައި ވިދާޅުވާ ފަދައިން ނަޖިސް ފެނުން ފެންވަރާއިގެން މިހާރުވެސް އެބައުޅޭ. މިހުރިހާ ކަމެއް ހައްލު ކުރެވޭނީ އިގްތިސާދީ ގޮތުން ދެއްތޯ؟" އަދީބު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން، ނަޖިސް ފެން ބޮމުންދާ ވާހަކަޔާއި ނަޖިސް ފެނުން ފެންވަރާ ވާހަކަޔަކީ އާ ވާހަކަތަކެއް ނޫން ކަަމަށް އަދީބު ވިދާޅުވިއެވެ.

" އަތޮޅު ތެރޭ ރައްޔިތުންނަށް އަޅުގަނޑުމެންނެއް ނޫން ނަޖިސްފެން ބޯންދިނީކީ. ނުވަތަ ނަޖިސް ފެނުން ފެންވެރުވީކީ. އެހުރިހާ ކަމަކުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ އިގުތިސާދު ފުޅާ ކުރުމަށްޓަކައި އަދި އިގްތިސާދީ ތަރައްގީ މިދުވެލި އަވަސް ކުރުމަށްޓަކައި އަޅުގަނޑުމެން އިގްތިސާދީ ގޮތުން ގެންނަ ބަދަލުތަކެއް." އަދީބު ވިދާޅުވިއެވެ.

" ވަރަށް ކޮންޓްރޯލްޑްކޮށް ވަރަށް ވަރުގަދަ ބޮޑެތި އިންވެސްޓްމެންޓްތައް ނޫނީ ޖާގަ ނުދޭން" އަދީބު ވިދާޅުވިއެވެ. ސިއްސައިގެންދާ ވަރުގެ އިންވެސްޓްމެންޓް އަދި އަންނާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

ހުރިހާ ކަމަކީ އެންމެން އެއްބަސްވާނެ ކަންކަމެއް ނޫންކަމަށާއި ރައީސް ޔާމީނުގެ އިގްތިސާދީ ވިސްނުމާއި އެހެން ބޭފުޅުންނަށް ފަހުމުވާ މިންވަރާއި ތަފާތުތަކެއް އެބަހުރިކަަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮޮތް ފަންސާސް އަހަރަށް ގޮސް ފަހަތަށް ބަލައިފިއްޔާ އެ ބަދަލަށް ދެކޮޅު ނަހަދާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު 25 ހަަކަށް ރިސޯޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށާއި އަދި ކޮންމެ ރިސޯޓަކީ މިނިމަމް 30 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ކަމަށާއި އަދި ބައެއް ރިސޯޓްތަކަކީ 50 މިލިއަން ޑޮލަރު 60 މިލިއަން ޑޮލަރު ކަމަށާއި އެހެންކަމުން މިދިޔަ އަހަރުތެރޭގައި ވެސް 700 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ކޮށްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދި އިގްތިސާދަށް އަންނަ ތައްޔާރީތައް އާއްމު ފަރުދުންނަށް ވެސް އިހްސާސްކުރެވޭނެ ކަަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން ދޮށީ އުމުރުގެ ރައްޔިތުންނަށް ލިބޭ ޕެންޝަނާއި ޑޮަލަރުގެ އަގު ދަށް ވެފައިވާކަން އަދީބު ފާހަގަކުރެއްވިއެވެ.

"އިންވެސްޓްމެންޓްތައް އަންނާނެ، އެހެންނަމަވެސް ވަރަށް ޕްލޭންޑްކޮށް. ޓްރާންސްޕޭރަންޓްކޮށް" އަދީބު ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓްތައް އަންނައިރު އެކަމުގެ މަޝްވަރާ މަޖިލީހުގައި ހިނގާއިރު ރައްޔިތުންނަށް އެ ޕްރޮޖެކްޓްތަކުގެ ފުރިހަމަ މައުލޫމާތު ލިބޭނެ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވީ ވިއްކާފައިވާ ބިމެއްގައި ގާނޫނާ ގަވައިދާ ޚިލާފު ކަމެއް ކަމެއް ކުރަންޏާ އެކަން ހުއްޓުވުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

" ޕްރޮޖެކްޓެއް ހެދިޔަސް ރިސޯޓެއް ހެދިޔަސް އަދި މިތާ އޮޕަރޭޓްކުރާ ކޮންމެ ތަނަކީ ވެސް ދިވެހި ރާއްޖޭގެ ކޯޓްގެ އަމުރުތަކާއި ދިވެހި ރާއްޖޭގެ ޕޮލިސް އެމްއެންޑީއެފް މިހުރިހާ ފަރާތްތަކަށް އަބަދުވެސް ވަދެވޭނެ ތަންތަން" އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމީނު ގެންނަވާ ބަދަލުތަކަކީ އިގްތިސާދީގޮތުން އިންގިލާބީ ބަދަލު ގެންނާނެ ކަންކަން ކަަމަށް އަދީބު ވިދާޅުވިއެވެ.