24 Jul 2015, 00:04
ޓެރަރިޒަމްގެ ދައުވާ އުފުލައި ފުލުހުންގެ ބަންދުގައި ބަހައްޓާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މާފުށި ޖަލަށް ބަދަލުކޮށްފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އިމްރާން މާފުށި ޖަލަށް ބަދަލުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އޭނާ މީގެކުރިން ހުންނެވީ ދޫނިދޫ ޑިޓެންޝަން ސެންޓަރުގައެވެ.
ދޫނިދޫ ޑިޓެންޝަން ސެންޓަރަށް އިމްރާން ބަދަލުކުރީ، ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އަމުރު ކުރުމުންނެވެ.
އިމްރާން ޝަރީއަތްނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މައްސަލައިގެ ބާވަތަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.
އިމްރާނުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އޭނާ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ނެވެ.