24 Jul 2015, 00:12
ދިވެހި ފުލުހުންގެ ފައުޖު އެތުރިފައި ތިބި ގޮތާއި މެދު އަލުން ވިސްނައި އެކަން ރަނގަޅަށް ދިރާސާކުރުމަށް ފުލުހުންގެ އިސް މެނޭޖުމަންޓުގެ ކިބައިން ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފި އެވެ.
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމުގެ ގޮތުން މިރޭ އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ހޯމް މިިސްޓަރު ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ދިވެހި ފުލުހުންގެ ހިދުމަތް ގާއިމު ކުރުން ކަމަށެވެ. އެހެންނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތް ނުދެވޭ ގިނަ ރަށްތައް އަދިވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ޑިއުޓީ އަދާ ކުރަނިކޮށް ޝަހީދުވި ފުލުހެއްގެ އާއިލާ ބޭފުޅުންނާ މިނިސްޓަރު އުމަރު ބައްދަލުކުރައްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު އުމަރު ވިދާޅުވީ، އެކަމުގައި އެންމެ ފަސޭހަ ގޮތަކީ މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ދެވޭނެވަރަށް ފުލުހުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުގައި އެދުން ކަމަށެވެ. އެހެންނަމަވެސް މިއަދު ސަރުކާރަށް އެކަން ކުރަން ދަތިވަނީ ވެސް ސަބަބުތަކެއް ހުރެގެން ކަމަށާއި އެގޮތުން ސަރުކާރުން ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ އެކަމުގައި ހިމެނޭ އެއް ސަބަބު ކަމަށް މިނިސްޓަރު އުމަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"އެހެންނަމަވެސް އެއްފަހަރާ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ތައާރަފު ކޮށްދެވޭތޯ ސަރުކާރުން މިއަންނަނީ ބަލަމުން. އަޅުގަނޑު ފުލުހުންގެ މެނޭޖުމަންޓުގެ ކިބައިން އެދޭނީ މިހާރު ފުލުހުންގެ ފައުޖު އެތުރިފައިވާ ގޮތާއި މެދު އަލުން ނަޒަރު ހިންގައި ބަލައިލަން. އަދި ފުލުހުންގެ ފައުޖުތައް އެތުރިފައި އޮތް ގޮތް ދުނިޔޭގެ ތަރައްގީވެފައި ހުރި އެހެނިހެން ގައުމުތަކުގައި ފުލުހުންގެ ފައުޖުތައް އެތުރިފައި އޮތްގޮތާއި އަޅާ ކިއާ ބަލައިލަން،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރުގެ ވާހަކަފުޅުގައި ވަނީ ފުލުހުންގެ ފައުޖުތައް ދުނިޔޭގެ އެހެން ގައުމުތަކުގައި އެތުރިފައިވާ ގޮތްތަކުގެ މިސާލު ދައްކަވައިފައެވެ.
ފުލުހުންގެ ޑިއުޓީ އަދާ ކުރަނިކޮށް ޝަހީދުވި ފުލުހެއްގެ އާއިލާ ބޭފުޅުންނާ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ބައްދަލުކުރައްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ މުޅި ގައުމަށް ފުލުހުންގެ ހިދުމަތް ފަތުރައިލާން ކަމަށެވެ. އަދި ވިދާޅުވީ، މިއަދުގެ ސަރުކާރުގެ މަގުސަދަކީ މުޅި ގައުމަށް ފުލުހުންގެ ހިދުމަތް ފަތުރައިލާއިރު ވީހާވެސް ހަރަދު ކުޑަ "އެންމެ އިފެކްޓިވް ގޮތަކަށް" އެކަން ކުރުން ކަމަށެވެ.
އުމަރު ވިދާޅުވީ، ފުލުހުންގެ ހިދުމަތް ރާއްޖޭގެ ރަށްތަކަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު ބައެއް ރަށު ކައުންސިލުތަކުންނާއި އެރަށް ރަށުގެ "ކަމުވޮށިގެންވާ ފަރާތްތަކުން" ފުލުހުން ހިދުމަތްދޭ މަރުކަޒުތަކަށް ކުލި ނަންގަވަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ނުވަތަ އެދުމަކީ އެރަށް ރަށަކުން ފުލުހުންނަށް ދެއްވަން ބޭނުންވާ ހިދުމަތްތައް ދެއްވުމުގައި ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ފުލުހުންނަށް އެހިދުމަތް ގާއިމުވެ ތިބުމަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ހައްދަވައިދެއްވުމަށް. ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ކުލި އެބަ ދައްކަންޖެހޭ،" އުމަރު ވިދާޅުވި އެވެ.