23 Jul 2015, 22:42
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ ލިންކު ރޯޑުގައި ދެ ސައިކަލެއް ޖެހި މިރޭ 9:35 ކަންހާ އިރު އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ދެ މީހަކަށް އެކްސިޑެންޓުގައި އަނިޔާވެފައިވާ ކަމަށާއި އެ ދެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިރޭ "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ހަފުސާ ވިދާޅުވީ، އެ ދެ މީހުންގެ ބޮލަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން އެކަކު އައިސީޔޫއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އަދި ސީދާ ދަންނަވާލަން ދަތި އެ ދެ މީހުންނަށް ލިބިފައިވާ ގެއްލުންތަކުގެ ތަފުސީލެއް. އެހެންނަމަވެސް ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވަނީ." ހަފުސާ ވިދާޅުވި އެވެ.