23 Jul 2015, 23:55
ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލަކީ އެ ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތަށާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް އުނިކަންލިބުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަދަ ބަދަލުތައް ޤާނޫނުއަސާސީއަށް ގެނައުމުގެ ކުރިން ވަރަށް ފުންކޮށް ދިރާސާކޮށް އަދި ރައްޔިތުންގެ މެދުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވެން ވާނެ ކަމަށެވެ.
"އަދި މިފަދަކަންކަމަކީ އަވަސްއަރުވާލައިގެން، ޙީލަތްތެރި އުކުޅުތައް ބޭނުންކޮށްގެން އަދި ރައްޔިތުން ދީފައިވާ ތާޢީދު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރެވިގެންވާނެ ކަންކަން ނޫންކަމުގައި ފާހަގަކުރަމެވެ." އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ ފަރާތްތަކުން ދިވެހި ރާއްޖޭގައި އިންވެސްޓްކޮށް ދިވެހި ރައްޔިތުންނަށް މަންފާއާއި ދިވެހި ދައުލަތަށް ފައިދާވާހެން ވިޔަފާރިކުރުމަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ.
އެހެންނަމަވެސް ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓް ކުރާ ސަރަޙައްދު އެފަރާތްތަކަށް މިލްކުވާފަދަގޮތަކަށް ކަންކަން ކުރުމަކީ ރާއްޖޭގެ ޤައުމީ މަޞްލަޙަތުތަކަށާއި ރާއްޖޭގެ އިޤްތިޞާދަށް އެންމެ މަޞްލަޙަތު ހުރިގޮތްކަމުގައި އެޕާޓީން ނުދޭ ކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ބޭރުގެ ފަރާތްތަކަށް ބިން މިލްކުނުކޮށްދީވެސް ރާއްޖެއަށް ބިޔަ އިންވެސްޓްމެންޓްތައް ގެނެވޭނެ ގިނަ ގޮތްތައް ހުރިކަން އެޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"ޤާނޫނު އަސާސީއަށް މިގެނެވުނު ބަދަލަކީ މި ދެންނެވި ސަބަބުތަކަށްޓަކައި ޢަދާލަތު ޕާޓީން ވަރަށް ބޮޑަށް ކަންބޮޑުވާ ބަދަލުތަކެއްކަމުގައި ފާހަގަކުރަމެވެ. މި ޕާޓީއިން ދެކޭގޮތުގައި ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތާއި ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމީ ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސް ޒިންމާއެވެ. ވީމާ ރައްޔިތުންގެ ޙައްޤުގައި މި ޒިންމާ އެންމެ ފުރިހަމަގޮތުގައި ޢަދާކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިލްތިމާސްކުރަމެވެ." އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 70 މެމްބަރުންގެ ވޯޓުން ނެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ، އެ ގާނޫނަށް ގެނައި އިސްލާހް ތަސްދީގު ކުރުމުގެ ކުރިން އެކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް އަބްދުﷲ ޔާމީނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އެހެންނަމަސް ގާނޫނު އަސާސީއަށް މަޖިލީހުން އިއްޔެ ގެނައި އިސްލާޙު ތަސްދީގު ކުރެއްވުމުގެ ގޮތުން ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަމަށް ބިން މިލްކު ކުރާ ފަރާތްތަކަށް އެތަންތަނުގައި ފައްޅިއެއް ނޭޅޭނެ ކަަމަށާއި އަދި ޖުވާކުޅުމާއި ގާނޫނުއަސާސީއާ ޚިލާފު ކަންތައް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ބަދަލުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަސްތައް އަންނާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.