23 Jul 2015, 23:10
މިނިވަން 50ގެ ރަސްމީ ޖަލްސާއަށް އިއްޒަތްތެރިން ވަޑައިގަންނަވާ ގަޑިތަކުގައި ވިލިމާލެ ފެރީ ދަތުރުތައް މެދުކަނޑާލާ ގޮތަށް ނިންމައިފި އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މިރޭ "ސަން" އަށް ވިދާޅުވީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު (ޖުލައި 26) ގައި އޮންނަ ރަސްމީ ޖަލްސާއަށް އިއްޒަތްތެރިން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ޓީޖެޓީ ސަރަހައްދަށް ކަމަށެވެ. އެހެންކަމުން އިއްޒަތްތެރިން ވަޑައިގަންނަވާ ގަޑިތަކުގައި ފެރީތައް ކުޑަކޮށް "މަޑުޖައްސައިލާނެ" ކަމަށެވެ.
"ހިދުމަތް މެދުކަނޑާލަނީއެއް ނޫން. އެބޭފުޅުންނަށް [އިއްޒަތްތެރިންނަށް] އެކްސެސްދޭން ސެކިއުރީޓީ ރީޒަންސްތަކަކަށް އަންގާފައި އޮތް އެންގުންތަކެއް އެއީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިދުމަތް މެދުކެނޑެނީއެއް ނޫނޭ. އެވަގުތު ކޮންމެވެސް ވަރަކަށް ހިދުމަތް މަޑުޖައްސާލަން ޖެހިދާނޭ އެބޭފުޅުން އެ ވަޑައިގަންނަވާ ގަޑީގައި. ހަމަ ސެކިއުރިޓީ ރީޒަންސްތަކަކަށް." ހަލީމް ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ އޮންނަ ރަސްމީ ޖަލްސާއަށް މެހެމާނުންގެ ދަތުރުފަތުރާ ގުޅިގެން އެ ރޭގެ 7:00 އިން 9:15 އާ ދެމެދު އަދި 10:30 އާއި 12:00 އާ ދެމެދު ވިލިމާލެ އާއި މާލެއާ ދެމެދު ފެރީ ދަތުރުތަކެއް ނުބާއްވާނެ ކަމަށެވެ.
މިނިވަން 50ގެ ރަސްމީ ޖަލްސާގެ އިތުރުން މިނިވަން 50ގެ ހަރަކާތްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ ފުލުހުން ނެވެ. އަދި މާދަމާރެއިން ފެށިގެން މިނިވަން 50ގެ ހަރަކާތްތަކަށް ބައެއް މަގުތައް ބަންދު ކުރާ ގޮތަށް ފުލުހުން ވަނީ ނިންމައިފައެވެ.