ޅ. ދިއްފުށިމާދުއަށް ލައްގާފައި އޮއްވައި ފެނުނު ހަށިގަނޑަކީ ކާކުކުތޯ ބެލުމަށް ފުލުހުން ހެދި ޑީއެންއޭ ޓެސްޓްތައް ނާކާމިޔާބުވެ، 14 ދުވަހަށް ފަހު އެ ހަށިގަނޑު ވަޅުލައިފި އެވެ.

ދިއްފުށިމާދޫ އަށް ދަތުރުގޮސް އުޅުނު ބަޔަކަށް އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނުނު ފިރިހެނެއްގެ ހަށިގަނޑު، މިދިޔަ މަހު ފަހުކޮޅު މާލެ ގެނެސް ތަހުލީލު ކުރުމަށް ފަހު، އެ މީހާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ކާކުކަން ނޭނގޭ ވަރަށް ކުނިވެ، ހަލާކުވެފައި އޮތް އެ ހަށިގަނޑު ތަހުލީލުކޮށް ބެލުމަށްޓަކައި ގަލޮޅު ފިނިކޮށާރުގައި ބާއްވައިގެން ފުލުހުން ވަނީ ޑީއެންއޭ ޓެސްޓްތަކެއް ވެސް ހަދައިފަ އެވެ.

ދިއްފުށިމާދޫން ފެނުނީ ކާކުތޯ ދެނެގަތުމަށް، މި އަހަރުގެ ޖެނުއަރީ މަހު ބ. ކެންދޫން ފުރައިގެން މާލެ އައި ދޯންޏަކުން ކަނޑައްވެއްޓި ގެއްލުނު މީހާ އާއި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޅ. ނައިފަރުން ވީނުވީއެއް ނޭނގި ގެއްލުނު މީހާގެ އާއިލާގެ ޑީއެންއޭ ސާމްޕަލްތަކެއް ފުލުހުން ނަގާފައިވެ އެވެ.

ނަމަވެސް ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ އާއިލާގެ ސާމްޕަލްތަކުން ވެސް އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި އެ ހަށިގަނޑަކީ ބ. އަތޮޅުންނާއި ޅ. އަތޮޅުން ގެއްލުނު ދެ މީހުނާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަން ތަހުލީލުތަކުން ޔަގީންވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންވޭ ޑީއެންއޭ ސާމްޕަލްތައް ނެގި ދެ އާއިލާއަށް އެއްވެސް ގުޅުމެއް ހުރި މީހެއް ނޫންކަން އެއީ."

މިދިޔަ އަހަރު ޑިސެންބަރު މަހު ނައިފަރުން ގެއްލުނު އުމުރުން 76 އަހަރުގެ އަލީ ހުސެން ފުޅު (އަލިފުޅުބެ)ގެ އާއިލާ އިން ބުނީ ގަލޮޅު ކޮށާރުގައި ބާއްވާފައި އޮތް ހަށިގަނޑު ވަޅުލިކަން އެ އާއިލާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އާއިލާގެ އިތުރު މީހެއްގެ ޑީއެންއޭ ސާމްޕަލްތަކެއް ނަގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަލިފުޅުބުގެ އާއިލާއިން ބުންޏެވެ.

ފުލުހުންގެ ބުނީ އެ އާއިލާގެ އިތުރު މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާނެ ކަމަށް ފުލުހުން އެންގީ އިތުރު ތަހުލީލުތަކެއް ފަހުން ކުރަންޖެހިދާނެތީ ކަމަށެވެ. އެއީ އެފަދަ ހަށިގަނޑެއް އަނެއްކާ ވެސް ފެނިއްޖެ ނަމަ ތަހުލީލުތަކެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ.