ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އެގޮތަށް ނިންމަވާފައި ވަނީ ދައުލަތުން މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވާތީ، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ވ) އިން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

"ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ވ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިދީފައިވާ ބާރުގެ ދަށުން، މުޙައްމަދު ނަޝީދުގެ މައްޗަށް ސާބިތުވެފައިވާ ޓެރެރިޒަމްގެ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" ޕީޖީ އޮފީސް

އެ ބަޔާނުގައި ވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދުގެ ހައްޤުތަކެއް ގެއްލިފައިވާ ކަމަށާއި އެމައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައިނުވާ ކަމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ވިދާޅުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލަ އިސްތިއުނާފުކުރުމަށް ޓަކައި މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިނުވާ ކަމަށް ވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ވިދާޅުވެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ވާތީ އެވެ.