މެެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ލުއިސް ވެންހާލްއަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް މެންޗެސްޓާ ޔުނައިޓަޑުން ގެންދަން މަސައްކަތްކުރާ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ހުންނާނީ ރެއާލްގައި ކަމަށް ރެއާލްގެ ކޯޗް ރަފާ ބެނިޓޭޒް ބުނެފިއެވެ.

ބެނިޓޭޒް ބުނީ ރާމޯސްއަކީ ރެއާލްގެ މުޅި ޓީމަށް މުހިންމު ކުޅުންތެރިޔެއްކަމަށާއި އޭނާ ރެއާލްގައި ހުންނާނެކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތްކަމަށެވެ.

"އަހަންނަށް ޔަގީންކަން އެބައޮތް ސާޖިއޯ މި ޓީމްގައި މަޑު ކުރާނެކަން. ކުރިންވެސް މުހިންމު ދަނޑިވަޅުތަކުގައި ގޯލްތައް ޖެހިފަދައިން އަދިވެސް އޭނާ އެފަދަ ގޯލްތައް ޖެހުމުގައި މި ޓީމްގައި ދެމިހުންނާނެ،" ބެނިޓޭޒް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓަޑުން ރާމޯސް ގެންދަން މަސައްކަތް ކުރާ ފަދައިން ރެއާލްއިން މެންޗެސްޓާ ޔުނައިޓަޑްގެ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންނަން މަސައްކަތް ކޮށްފައިވާއިރު، ޑެހެއާއާ ބެހޭގޮތުން ސުވާލުކުރުމުން ބެނިޓޭޒް ބުނީ ޑެހެއާއަކި ޔުނައިޓަޑްގެ ކުޅުންތެރިޔެއް ކަމަށާއި ޑެހެއާއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާކަމަަށެވެ.

ޑެހެއާ ދޫކޮށްލަން ޔުނައިޓަޑުން އެއްބަސް ނުވުމުން ރެއާލްއިން ވަނީ ރެއާލްގެ އެކެޑެމީއިން ތާރަފްވި ފަހުން ސެވިއްޔާއަށް ކުޅެމުންދިޔަ ކިކޯ ކަސިއްޔާ އެޓީމަށް އަނބުރާ ގެނެސްފައެވެ.

ކަސިއްޔާއާ ބެހޭގޮތުން ބެނިޓޭޒް ބުނީ، އޭނާގެ ހުނަރުވެރިކަމާ ބެހޭގޮތުން ސުވާލެއް ނެތް ކަމަށާއި އަދި އޭނާ ޓީމާ ގުޅުނުއިރު ޓީމަށް ހޭނެން މުއްދަތެއް ނަގާނެކަމަށެވެ.