23 Jul 2015, 20:02
ހަތަރު ރަށެއްގެ ނަރުދަމާ ނިޒާމާއި އެއް ރަށުގެ ފެނުގެ ނިޒާމް ޑިޒައިންކޮށް ޓެންޑާ ޑޮކިއުމެންޓް ތައްޔާރު ކުރުމަށް ހަވާލުކޮށްފިއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގދ. ފިރޯރީ އާއި ނ. ލަންދޫ އާއި އދ. ހަންޏާމީދޫ ގެ އިތުރުން ރ. މާކުރަތާއި ބ. ހިތަދޫގެ ނަރުދަމާ ނިޒާމް ޑިޒައިންކޮށް ޓެންޑާ ޑޮކިއުމެންޓް ކުރުމަށް ހަވާލުކޮށްފައި ވަނީ "ސޭންޑް ކޭޝް" ކިޔާ ކުންފުންޏަކާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް މިލިއަން ރުފިޔާއަށެވެ.
ބ. ހިތާދޫ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ހަވާލުކޮށްފައި ވަނީ ތިން ލައްކަ ރުފިޔާއަށެވެ.
އެ ޕްރޮޖެކްޓްތަކުގެ ޑިޒައިން މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މިސަރުކާރު އައިއިރު ރާއްޖޭގެ ނަރުދަމާ ނިޒާމު ގާއިމް ކުރެވިފައިވަނީ 30 ރަށުގައި ކަމަށްވާއިރު ފެނުގެ ނިޒާމް ގާއިމް ކުރެވިފައިވަނީ ފަސް ރަށެއްގައި ކަމަށެވެ.
މިސަރުކާރުން މިހާރު 10 ރަށެއްގެ ނަރުދަމާ ނިޒާމާއި 10 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިސަރުކާރު އައި ފަހުން ފެނާއި ނަރުދަމާގެ ކަންތަކަށް ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް އެބަދޭ. އެއީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތަކަށްވެފައި އެއީ މިވަގުތުން މިވަގުތަށް ރާއްޖޭގެ ގިނަ ރަށަކަށް މިހިދުމަތަކީ ބޭނުންވާ މަސައްކަތަކަށް ވާތީވެ،" ތޯރިގް ވިދާޅުވިއެވެ.
މިހާރު 11 ރަށެއްގައި މިހާރުވެސް ލޯނު އެހީގެ ދަށުން ޑިޒައިންގެ މަސައްކަތް ކުރަމުންދާއިރު އެ ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.