ތެހެރާން (ޖުލައި 23): މިއަހަރު ތެރޭގައި ނިއުކްލިއަ ދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ފަށާނެކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ނިއުކްލިއަ އެނަރޖީ އެޖެންސީގެ ވެރިޔާ އަލީ އަކްބަރު ސާލިހީ ވިދާޅުވީ، މިއީ އީރާނަށް ބޭނުންވާ އިލެކްޓްރިކް ކަރަންޓް ގެ ދެބައިކުޅަ އެއްބައި ނިއުކްލިއަ ހަކަތައިން އުފެއްދުމަށް ރާވާފައިވާ ޕްރޮގްރާމްގެ ދަށުން ބިނާކުރާ ދެ ރިއެކްޓަރެވެ. މި ޕްރޮގްރާމުގެ ދަށުން 20 ނިއުކްލިއަ ރިއެކްޓަރު ބިނާކުރުމަށް ގަސްދުކޮށްފައިވާކަން އީރާނުން ކުރިންވަނީ ހާމަކޮށްފައެވެ.

މިއަހަރު އަލަށް ބިނާކުރާ ނިއުކްލިއަ ދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާއާ ކަމަށްވެސް ސާލިހީ ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ އަހަރުވެސް އިތުރު ދެ ރިއެކްޓަރު ބިނާކުރުމަށް ވަނީ ރާވާފައެވެ. މިދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ހަވާލުކުރާނީ ޗައިނާއާކަންވެސް ސާލިހީ ހާމަކުރެއްވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އައްބާސް އިރަގްޖީ ވިދާޅުވިގޮތުގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ނިއުކްލިޔަރ އެއްބަސްވުމަކަށް އައުމުގެ ވާހަކަތައް ކުރިޔަށްދިޔައިރު ހުޅަނގުގެ ގައުމުތައް އީރާނާ ދެކޮޅަށް ހަރުކަށިކަން ދައްކަމުން ގެންދިޔައިރު ޗައިނާއާއި ރަޝިޔާ ގެންދިޔައީ އީރާނަށް ލުއިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓާލަން ނުޖެހޭގޮތަށް އަދި ވަކި މިންވަރަކަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރުސަތު އީރާނަށް ލިބިދޭގޮތަށް އެއްބަސްވުމަކަށް އާދެވުނީ ޗައިނާއާއި ރަޝިޔާ އީރާނަށް ފޯރުކޮށްދިން މަދަދާއި އެހީތެރިކަމުގެ ސަބަބުން ކަމަށާއި މިކަން އީރާން ހަނދާން ބަހައްޓާނެކަމަށް އިރަގްޖީ ވިދާޅުވިއެވެ.

އީރާނުން އަލަށް ބިނާކުރާ ނިއުކްލިއަ ހަތަރު ރިއެކްޓަރުގެ ތެރެއިން ދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ރަޝިޔާއާ ހަވާލުކުރާއިރު އަނެއް ދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ ޗައިނާއާއެވެ.

ނިއުކްލިއަ ރިއެކްޓަރެއް ބިނާކޮށްދޭ އެވްރެޖް އަގެއް ކަމަށް ލަފާކޮށްފައިވަނީ 8 ބިލިޔަން ޑޮލަރެވެ. އެހެންކަމުން މި ދެ ރިއެކްޓަރުން ޗައިނާއާއި ރަޝިޔާ މިދެގައުމުން ކުރެ ކޮންމެ ގައުމަކަށް 16 ވަރަކަށް ބިލިޔަން ޑޮލަރު ލިބޭނެއެވެ.

އީރާނުގައި ކަރަންޓް އުފެއްދުމަށްޓަކައި މިހާރު ބޭނުންކުރަނީ އެއް ރިއެކްޓަރެވެ. ނަމަވެސް އިތުރު ދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. މީގެތެރެއިން އެއްރިއެކްޓަރު ބިނާކުރަނީ އީރާނުގެ ނިއުކްލިއަ އިންޖިނޭރުން އަމިއްލައަށެވެ. އަނެއް ރިއެކްޓަރު ބިނާކުރަނީ ރަޝިޔާއިންނެވެ.

އީރާނުގެ ނިއުކްލިއަ މަރުކަޒުތަކުގެ ތެރޭގައި ނިއުކްލިއަ ރިއެކްޓަރުގެ އިތުރުން ޔޫރޭނިޔަމް ފައްކާކުރާ މަރުކަޒުތަކާއި ޔޫރޭނިޔަމް ބިމުގެ އަޑިން ނަގާ މައިންތަކާއި އަދި ނިއުކްލިއަ ރީސާޗް ސެންޓަރުތައް ހިމެނެއެވެ.

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކުރި ނިއުކްލިއަ އެއްބަސްވުން މަނާކުރަނީ އަސްކަރީ ބޭނުންތަކަށް ނިއުކްލިއަ ހަކަތައިގެ ބޭނުން ކުރުމަށެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ނިއުކްލިއަ ހަކަތަ ބޭނުންކުރުމަކީ ބައިނަލްއަގްވާމީ މުޢާހަދާތަކުން ކޮންމެ ގައުމަކަށްވެސް ލިބިދޭ ހައްގަކަށްވާތީ މިއެއްބަސްވުމުގައި މިކަން މަނައެއް ނުކުރެއެވެ. މިގޮތުން މަދަނީ ބޭނުންތަކަށްޓަކައި 3 އިންސައްތައަށް ޔުރޭނިޔަމް ފައްކާކުރުމުގެ ހައްގާއި ނިއުކްލިއަ ރީސާޗް ކުރުމުގެ ހައްގާއި ޔޫރޭނިއަމް ފައްކާކުރާ ސެންޓްރިފިއުޖް މެޝިންތައް އުފެއްދުމާއި އެމެޝިންތައް ތަރައްގީ ކުރުމުގެ ޓެކްނޮލޮޖީއާއި ރީސާޗް ކުރިޔަށް ގެންދިޔުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން އީރާނަށް ލިބެއެވެ.

އީރާނަކީ މުޅި މެދުއިރުމަތީގައިވެސް ނިއުކްލިއަ މަރުކަޒުތައް އެންމެ ގިނަ ގައުމެވެ. (ނޫސްއެޖެންސީތައް)