23 Jul 2015, 17:34
ބޭރު މީހުންނަށް ވެސް ބިން މިލްކު ކުރެވޭ ގޮތަށް ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކުން އަވަށްޓެރި ގައުމުތަކާ ރާއްޖެއާ އޮތް ގުޅުމަކަށް ބަދަލެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިގު މުއްދަތަކަށް ރާއްޖޭން ބިމެއް ދިނުމަކުން ހާރިޖީ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"...އަވަށްޓެރި ގައުމުތަކާ އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަ ރަހުމަތްތެރި ގުޅުމަކަށް އެކުވެރި ގުޅުމަކަށް މި ކަމަކުން އަމުދުން ބަދަލު އަންނާކަށް ޖާގައެއް ނުލިބޭ. އަޅުގަނޑުމެންގެ ސަރުކާރުން ނިންމާފައި އެ އޮތީ އިންޑިއާ ސަރަހައްދަކީ މިދެންނެވި ކަހަލަ ނުރައްކާތަކުން ސަލާމަތުން އޮންނާނެ ސަރަހައްދެއްގެ ގޮތުގައި ކަނޑެއްގެ ގޮތުގައި ބޭއްވުމަށް. އިންޑިއާ ކަނޑަކީ ޑީމިލިޓަރައިޒްޑް ޒޯނެއްގެ ގޮތުގައި [އަސްކަރީ ހަރަކާތްތައް ނުހިންގާ ސަރަހައްދެއްގެ ގޮތުގައި] ބޭއްވުމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސަރުކާރަށާއި އަވަށްޓެރި ގައުމުތަކަށް ވެސް އެކަމުގެ ކަށަވަރުކަން ސަރުކާރުން ވާނީ ދީފައި ކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ވަންޏާ ރާއްޖޭގެ ރައްޔިތުންނަކަށް ވެސް އަދި އަވަށްޓެރި ގައުމުތަކަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މިހެން ވިދާޅުވުވުމުގެ ކުރިން ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް އެ ބަދަލު އަޔަސް ސަރުކާރުން ބޭނުން ނުވާ ބަޔަކު އިންވެސްޓްމެންޓެއްގެ ޕްރޮޕޯސަލް ހިފައިގެން އައުމުން ހުއްދަ ނުދިނުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ.
"...ސަރުކާރުގެ އިހުތިޔާރުގައި އޮތް ކަމެއް އެ ޕްރޮޕޯސަލްތައް އަންނަނީ ކޮން ދިމާއަކުންތޯ، ކޮން ކަހަލަ ވިސްނުމެއްގެ ތެރެއިން އަންނަ މަޝްރޫއުތަކެއްތޯ، ކޮން ކަހަލަ އަޅުވެތިކަމެއް އޭގައި ކުރިމަތިކޮށްފާނެ މަޝްރޫއުތަކެއްތޯ ދެނެގަތުމަކީ ސަރުކާރުގެ އަތްމަތީގައި އޮތް ކަމެއް،" ރައީސް ވިދާޅުވިއެވެ.