23 Jul 2015, 16:12
ރާއްޖޭގައި އިންވެސްޓްކުރަމަށް ބިން މިލްކު ކުރާ ފަރާތްތަކަށް އެތަންތަނުގައި ފައްޅިއެއް ނޭޅޭނެ ކަަމަށާއި އަދި ޖުވާކުޅުމާއި ގާނޫނުއަސާސީއާ ޚިލާފު ކަންތައް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީގު ކުރެއްވުމަށްފަހު ރައީސް އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ބަދަލުގެ ސަބަބުން ކުރިމަގުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަސްތައް އަންނާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މެދުގައި މިކަމުގެ ނުތަނަވަސްކަން ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ބަދަލު ގެންނަން ޖެހުނު ސަބަބާ ބެހޭގޮތުން ވަރަށް ތަފްްސީލްކޮށް ވާހަކަދައްކަވާފަ އެވެ.
ބިޔަ އިންވެސްޓްމެންޓްތައް ގެނައުން
ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުުރުމަކީ އޭގެ ސަބަބުން ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެ އަންނާނެ ކަަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ގާނޫނު އަސާސީއަށް މި ގެނައި ބަދަލުން ސަރުކާރުން އިޚްތިޔާރު މި ހޯދަނީ އެއްހާސް މިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެ ގެންނަން،ރައީސް ޔާމީން
އެ އިޚްތިޔާރު ލިބިގެންދާނީ ހުށަހަޅާ ޕްރްޖެކްޓަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ރުހިވަޑައިގަންނަވާ ކަމެއް ކަަމަށްވާނަމަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ބިން މިލްކު ކުރެވޭނީ އިގްތިސާދީ ބޮޑެތި މަސައްކަތް ކުރަން އެކަނި ކަމަށް ރައީސް ވިދާޅުވި އެވެ.
ގަންނަ ބިމަށް ރާއްޖޭގެ ސިޔާދަތީ ބާރާއި ގާނޫނީ ބާރު ހިނގާނެ
ބިން މިލްކުކުރެވެނީ ބޭރު މީހުން އެ ސަރަހައްދުތަކުގައި ވަޒަންވެރި ކުރުވުމުގެ ގޮތުން ނޫން ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުން ހުއްދަ ދޭ މަސައްކަތްތައް ފިޔަވާ އެހެން މަސައްކަތްތައް އެ ތަނުގައި ނުކުރެވޭނެ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރާއި ގާނޫނު ބާރު އެ ސަރަހައްދުތަަކަށް ހިނގާނެ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ފައްޅިއެއް ނޭޅޭނެ، ޖުވާ ނުކުޅެވޭނެ
ރާއްޖޭގެ ސިޔާދަތީ ބާރު ކެނޑިގެން ނުދާ ކަމަށްވަންޏާ އެތަންތަނުގައި ފައްޅިއެއް ނޭޅޭނެ. އަދި އެތަންތަނުގައި ޖުވާކުޅޭ ތަންތަނެއް ނުހެދޭނެ. އަދި އެތަންތަނުގައި އަޅުގަނޑުމެން މަނާކުރާ ކަންކަމެއް ނުކުރެވޭނެ،ރައީސް ޔާމީން
ބިން ވިއްކުމުގެ ސަބަބުން ރާއްޖޭގައި އެހެން ދީނަކަށް ވެސް ފުރުސަތު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ބިން މިލްކުކުރުމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން އޮޅޭ ގޮތަށް ވާހަކަ ދައްކަވާ ކަަމަށެވެ.
ޒުވާނުންނަށް ތަރައްގީ ގެނައުން
ޒުވާނުންގެ އުއްމީދުތަކާ ގުޅިފައި ހުރީ ޒުވާނުންނަށް ބޭނުންވާ ވަޒީފާ އާއި ގެދޮރިވެރިކަން ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ އުއްމީދުތައް ހާސިލްކުުރުން ކަަމަށެވެ. އަދި ބޮޑެތި އިންވެސްޓްތަކުން ރާއްޖޭގެ ތަރައްގީގެ ދުވެލި އަވަސްވާނެ ކަަމަށް ޔާމިން ވިދާޅުވި އެވެ.

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ރައީސުލް ޖުމްހޫރިއްޔާ ތަސްތީގު ކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގަ ބިން ހުސްނުވާނެ
ރާއްޖޭގެ ބިން ވިއްކުމުން މުސްތަގުބަލުގެ ޖީލުތައް އުޅެން ރާއްޖޭން ބިން ހުސްނުވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވިސްނަމަކީ ރާއްޖޭގެ ހުރިހާ ބިމެއް ވިއްކުން ނޫން ކަަމަށް ރައީސް ވިދާޅުވި އެވެ. އެ ބިންތައް ވިއްކާނީ ބޮޑެތި ޕްރޮޖެކްޓްތަކަށް ކަަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބިންތައް ދޫކުރާނީ ސަރުކާރުން ބޭނުންވާ ބޮޑެތި މަސައްކަތްތަކަށް އަދި ގިނަ ވަޒީފާ އުފެއްދާ ކަހަލަ ބޮޑެތި މަޝްރޫއުތަކަށް ކަަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހިއްކޭނެ ބޮޑެތި ފަޅުތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާހަކީ ފާސްކޮށްފައި ވަނީ 70 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 14 ވޯޓު ދެއްވި އެވެ.