އެސްޓީއޯގެ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ވަގުތު އެއް ގަޑިއިރަށް ދިގުކޮށްފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އާންމު ރައްޔިތުން "ޕެނިކް" ވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތަކުގެ ކިޔޫ ބޮޑުވެފައި ވާތީ އެކަމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް އެ ކުންފުނިން މާލޭގެ ޕެޓްރޯލް ޝެޑްތައް ބަންދު ކުރާ ވަގުތު އެއް ގަޑިއިރަށް ލަސްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިބަންދުކުރަނީ 11 ޖަހާއިރު، އެހެން ނަމަވެސް މިރެއިން ފެށިގެން އިތުރު އެއްގަޑިއިރު، އެފްއެސްއެމް އެސްޓީއޯގެ ހުރި ޕެޓްރޯލް ޝެޑްތައް އިތުރު އެއް ގަޑިއިރު ހުޅުވިފަ ހުންނާނެ، ހަ ރޯދަ ނިމިގެން ބަންދުކުރާ ގޮތަށް މި އޮންނަނީ 10 ޖަހާއިރު، ނަމަވެސް 11 އަށް އިތުރު އެއް ގަޑިއިރު ހުޅުވިފަ ހުންނާނެ މިޝިޓްވޭޝަން ހަމަޔަކަށް އެޅެންދެން،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްވާން (ސޮއްޕެ)

އެސްޓީއޯ ޝެޑް ތަކުން ފުޅިފުޅި އާއި ހަންހަމަށް ޕެޓްރޯލް އަޅައިދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ނަމަވެސް ކާރަށާއި ސައިކަލްތަކަށް އެއްވެސް ކޮންޓްރޯލެއް ނެތި ޕެޓްރޯލް އަޅައިދޭނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ޕެޓްރޯލް އާއި ޑީސަލް ސުޓޮކް އެބަހުރި ކަމަށާއި ސްޕްލައިކުރުމުގައި ވެސް އެއްވެސް ދައްޗެއް ކުރިމަތިވެފައިނުވާ ކަމަށްވެސް ޝަހީރު ވިދާޅުވި އެވެ.

އަމިއްލަ މީހުން ހިންގާ ޝެޑްތައް ބަންދުކޮށްފައިވުމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން ޝަހީރު ވިދާޅުވީ އެސްޓީއޯއިން އެބޭފުޅުންނާއި ވާހަކަ ދައްކާފައިވާއިރު އެތަންތަން މިހާރު ހުޅުވާފައިވާ ކަމަށެވެ.

ޕެޓްރޯލް ލިބުން ދަތިތަކެއް އުޅޭ ކަމަށް ވާހަކަ ފެތުރިފައިވާ އިރު މީގެ ދެ ދުވަހެއްގެ ކުރިން ވަނީ ޕެޓްރޯލް ޝެޑްތައް ކައިރީ ގިނަ އަދަދެއްގެ ބަޔަކު ޕެޓްރޯލް އެޅުމަށް ކިޔޫގައި ޖެހިފަ އެވެ. ނަމަވެސް މިއަދު ކިޔޫތައް ކުޑައެވެ.