ރިޔާޒް (ޖުލައި 23): އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތައް ސޮއިކުރި ނިއުކްލިއާ އެއްބަސްވުމަށް ސައޫދީ އަރަބިޔާގެ ރުހުން ހޯދުމަށްޓަކައި އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި އީރާނުގެ ނިއުކްލިއާ އެއްބަސްވުމާބެހޭ މައުލޫމާތު އެމެރިކާގެ ދިފާއީ ވަޒީރު، ސައޫދީ ރަސްގެފާނަށް އެރުއްވި ކަމަށާއި އަދި ސައޫދީ އަރަބިޔާ އާއި އެމެރިކާގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ސައޫދީންގެ ރުހުން ހޯދުމަށްޓަކައި އެމެރިކާގެ ދިފާއީ ވަޒީރު ސައޫދީ ރަސްގެފާނަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ސައޫދީ ރަސްކަމުގެ ނިޒާމާއި ޝާހީ އާއިލާ ހިމާޔަތް ކުރުމުގައި އެމެރިކާ ޖާމިނުވާމިންވަރު އިތުރަށް ކަށަވަރުކޮށްދިނުން ހިމެނެއެވެ.

ސައޫދީގައި ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ވިދާޅުވީ މެދުއިރުމަތީގައި އީރާން ހިންގާ ބައެއް ހަރަކާތްތަކަކީ އުދުވާނީ ހަރަކާތްތަކެއް ކަމަށާ އީރާނުގެ އެފަދަ އެ ސިޔާސަސަތުތަކާ ދެކޮޅު ހެދުމުގައި ސައޫދީ އަރަބިޔާއާއެކުގައި އެމެރިކާ ވާނެކަމުގެ ޔަގީންކަން ސައޫދީ މަސްއޫލުވެރިންނަށް އެރުއްވި ކަމުގައެވެ. އަދި ސައޫދީ އަރަބިޔާ ކަންބޮޑުވާ މައްސަލަތަކުގައި އެގައުމާއެކު ދިފާޢީ ގުޅުންތައް ވަރުގަދަ ކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށްވެސް ކާޓަރު ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ސައޫދީން ދެކޮޅުހަދާ މައިގަނޑު ސަބުތަކުގެ ތެރޭގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއެއްބަސްވުމުގެ ސަބަބުން އުވާލުމާއި ހުޅަނގާއި އީރާން ގާތްވުމާއި އިގްތިސާދީ ގޮތުންނާއި މާލީގޮތުން އީރާނަށް ބޮޑެތި މަންފާތަކެއް ލިބިގެންދިޔުން ހިމެނެއެވެ.

އީރާނަށްލިބޭ މިފުރުސަތުތައް ބޭނުންކޮށްގެން ސައޫދީ އަރަބިޔާއާއި ގަލްފުގެ އެހެންގައުމުތަކަށް ގޯނާކޮށް ސަރަހައްދަށް މިހާރަށްވުރެ ބޮޑު ނުފޫޒެއް ހިންގުމަށް އީރާން މަސައްކަތްކުރާނެ ކަމުގެ ބިރު ސައޫދީން އިޙްސާސް ކުރެއެވެ. އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ދެކޮޅުހަދާ އަނެއްގައުމަކީ އިސްރާއީލްއެވެ. ކާޓަރު ފުރަތަމަ ވަޑައިގެންފައިވަނީ އިސްރާއީލަށެވެ.

ކާޓަރުގެ މިދަތުރުފުޅުގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމާ ގުޅިގެން އިސްރާއީލާއި ސައޫދީ އަރަބިޔާގެ ލީޑަރުން ހިތްޕުޅު ހަމަޖެއްސެވުން ކަމަށް މުރާސިލުން ބުނެއެވެ. އީރާނަކީ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި އެހެން ހުރިހާ ގައުމުތަކަކަށްވުރެ އިލްމީގޮތުންނާއި މަސައްކަތް ތެރިކަމުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން މާބޮޑަށް ކުރިއަރާފައިވާ އަދި އާބާދީގެ ގޮތުން މާބިޔަ ގައުމެކެވެ. އެހެންކަމުން ހުޅަނގާއި އީރާނާދެމެދުގައި އޮންނަ ހަތުރުވެރިކަން ކެނޑި ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތްވެއްޖެނަމަ އީރާނާ ވާދަނުކުރެވޭކަމަށް ސައޫދީން ދެކެއެވެ.

އީރާނާ މުއާމަލާތް ކުރުމުގައި ސައޫދީ އަރަބިޔާ ދާދިފަހަކާ ޖެހެންދެން ގެންގުޅެފައިވަނީ މަޑުމައިތިރި އަދި ޑިޕްލޮމެޓިކް ސިޔާސަތުތަކެއް ނަމަވެސް ސައޫދީ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރަސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސައޫދީން ވަނީ އީރާނުގެ ނުފޫޒާ ކުރިމަތިލުމަށް ކަމަށްބުނެ ހަރުކަށ ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ. މިސިޔާސަތުތަކުގެ ދަށުން ސައޫދީ އަރަބިޔާވަނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވެސް އަސްކަރީގޮތުން ވަދެގެންފައެވެ.

އިރާގާއި ސޫރިޔާ ފަދަ ގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދާޚިލީ ހަނގުރާމަތަކުގެ އަސްލަކީ ސައޫދީ އަރަބިޔާ އައި އެމެރިކާ ކަމަށް އީރާނުންދެކެއެވެ. އަދި އިރާގާއި ސޫރިޔާގައި ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ އައިއެސްފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އުފެދި މުޅި ސަރަހައްދަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގައި އެފަދަ ޖަމާއަތްތައް ބޮޑުވެ ފުޅާވެގެން ދިޔައީވެސް ސައޫދީންގެ ސަބަބުން ކަމަށް އީރާނުން ދެކެއެވެ. (ނޫސްއެޖެންސީތައް)