23 Jul 2015, 15:35
މިނިވަންކަން ފުރިހަމައަށް އިހުސާސްކުރެވޭނީ އިގުތިސާދީ ގޮތުން ފުދުންތެރިވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވެސް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ އިރު ވެސް ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ދާން ޖެހޭ ޖެހުން ކަމަށެވެ.
"...އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް މިއަދު މިދިމާވާ އެންމެ ބޮޑުކަމަކީ 50 އަހަރުގެ މިނިވަންކަން އަޅުގަނޑުމެން އިހުސާސްކުރަމުން ދާއިރު ވެސް އަޅުގަނޑުމެން ހަގީގަތުގައި މިކަންކަމާ ދޭތެރޭ ވިސްނާލަން ޖެހޭ ޖެހުން. ކަންކަމުގައި ބޭރުގެ ފަރާތްތަކަށް އަޅުގަނޑުމެން ދާން ޖެހޭ. މަޝްރޫއުތަކުގައި ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް ދާން ޖެހޭ. ފުރިހަމަ މިނިވަންކަމެއް އޭގެ އިހުސާސް އަޅުގަނޑުމެންނަށް ކުރެވޭނީ އަދި ފުރިހަމަ މިނިވަންކަމެއްގެ ބާރު އަޅުގަނޑުމެންނަށް ލިބިގެން ދާނީ އިގުތިސާދީ ގޮތުން ފުދުންތެރި ވަރުގަދަ ބަޔަކަށް ދިވެހި ދައުލަތް ބަދަލުކޮށްލެވިގެން،" ގާނޫނު އަސާސީއަށް ގެނައި އިސްލާހާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ ކަމަކީ އިގުތިސާދީ ގޮތުން ރާއްޖެ ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ފެށުން ކަމަށެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ އެކަން ހާސިލުކުރުމަށް ޓަކައި ގެނައި އިސްލާހެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް-- ފޮޓޯ/ ރައީސް އޮފީސް
އަދި ވިދާޅުވީ އިގުތިސާދީ ގޮތުން މިނިވަންކަން ކުޑަކޮށް އޮތް އޮތުމަށް ނިމުމެއް ގެނައުމަށް އަމާޒެއް އޮވެގެން އިސްވެ މަސައްކަތްތަކެއް ކުރާނީތޯ ނުވަތަ މިހާރު ވެސް ނުވަތަ ކުރިއަށް އޮތް 50 އަހަރު ތެރޭގައި އެކަން ވާނެ ކަމަށް ތިބޭނީތޯ އެއީ އުފައްދަވާ ސުވާލެއް ކަމަށެވެ.
އިގުތިސާދީ ބާރުވެރިކަމަކީ ދައުލަތެއްގެ ނިސްބަތުގައި އަދި ފަރުދެއްގެ ނިސްބަތުގައި ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުވެތިކަމުގެ ތެރެއިން ނުކުމެ، އަޅުގަނޑުމެން ވެސް އެއްވަނަ ދުނިޔޭގެ ގައުމުތަކާއި އެކީ ބައިނަލް އަގުވާމީ އެކި އެކި ޖަލްސާތަކުގައި އަޅުގަނޑުމެންގެ ބަސްވިކޭ ބަޔަކަށް ހެދުމަކީ އިގުތިސާދީ ގޮތުން އަޅުގަނޑުމެން ކުރާ ކުރާ މަސައްކަތެއްގެ ނަތީޖާއަކަށް ވެގެންދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުން ވަނީ ކަންކަމުގައި އަމާޒު އޮވެގެން ދަތުރުކުރަން ބޭނުންވާ މިސްރާބެއްގައި އަދި ދަތުރުކުރަން ބޭނުންވާ ދުވެލީގައި ދަތުރުކުރުމުގެ ފުރިހަމަ ބާރުވެރިކަން ސަރުކާރުގައި އޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް