އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ އަމާޒަކީ ގޭމްސްގައި ރާއްޖެއިން ހޯދުމަށް ކަނޑައަޅާފައިވާ މެޑަލްތަކުގެ ތިން ބައިކުޅަ އެއްބައި ހޯދުންކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ތޮލާލް ވިދާޅުވީ އެތުލެޓިކްސް ޓީމްގެ އަމާޒަކީ ތިނެއް ނުވަތަ ފަސް މެޑަލް ހޯދުންކަމަށާއި ކުޅިވަރަށް ލޯބި ކުރާ ފަރާތްތަކަށް އެ ހިނިތުންވުން ގެނެސްދޭނެ ކަަމަށެވެ.

"މިފަހަރު އައިއޯއައިޖީގައި އަޅުގަނޑުމެން މިޓާގެޓް ކުރަނީ އައިއޯއަިޖީގައި ވާދަކުރަ ދިވެހިރާއްޖޭގެ ގައުމީ ޓީމުތަކުން ހޯދާ މެޑަލްގެ ތިން ބައިކުލަ އެއްބައި އިރާދަ ކުރެއްވިއްޔާ ހޯދާނީ އެތުލެޓިކްސް ޓީމުންނޭ،" ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކި ކެޓަގަރީއިން ވަރަށް ރަނގަޅު މެޑަލް ހޯދޭ ފެންވަރުގެ އެތުލީޓުން އެބަތިބިކަމަށާއި ތިނެއް ނުވަތަ ފަސް މެޑަލަށް އަމާޒު ކުރަނީވެސް އެ އެތުލީތުން ހިމަނައިގެން ކަމަށެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަހްމަދު ސާއިދާ މެދު އާމުންކުރާ އުންމީދު ބޮޑުކަމަށާއި ސާއިދު ރަންމެޑަލަށް ވާދަކުރާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މެއި މަހު ޗައިނާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ސާއިދު ހޯދި ނަތީޖާއަށްވުރެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދާ ނަތީޖާ އެތަށް ގޮތަކުން ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ތޮލާލް ވިދާޅުވިއެވެ.

"ސާއިދާ ދޭތެރޭ އަޅުގަނޑުމެންގެ އުންމީދު އެބައޮތް. ގޯލްޑް ނުވަތަ ސިލްވާއަށް. ގޯލްޑަކީ އައިއޯއަިޖީގައި ސާއިދުއަށް އަޅުގަނޑުމެން އެންމެ އުންމީދު ކުރާ މެޑަލް،" ތޮލާލް ވިދާޅުވި އެވެ.