09 Mar 2011, 02:17
ޤާހިރާ : މިސްރުގައި ދެން ސިޔާސީ ކުށްވެރިން ނުތިބޭނެ ކަމަށާއި މިސްރުގެ ޖަލުތަކުގައި މިހާރުތިބި ސިޔާސީ ހުރިހާ ކުށްވެރިން ވަރަށް އަވަހަށް މިނިވަން ކުރައްވާނެ ކަމަށް އެޤައުމުގެ އާ ބޮޑުވަޒީރު ޑޮކްޓަރ ޢިސާމް ޝަރަފް ވިދާޅުވެއްޖެއެވެ.
މިސްރުގެ އާ ސަރުކާރުގެ މެންބަރުން މަޤާމުގެ ހުވައި ކުރުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޢިސާމް ވިދާޅުވީ މިސްރުގެ ރައްޔިތުން މިދިޔަ ޖަނަވަރީމަހުގެ 25 ގައި އެޤައުމަށް ގެނައި އިންޤިލާބަށްފަހު މިސްރަކީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ވެރިކަންކުރާ ޤައުމަކަށް ވެގެންހިނގައްޖެ ކަމުގައެވެ.
އަދި މީގެފަހުން މިސްރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި އޮންނާނެކަމަށާއި ސިޔާސީ ކުށްވެރިންގެ ބަޔަކު މިސްރުގައި ނުތިބޭނެ ކަމަށާއި ކުރިން ހައްޔަރުކޮށް ޖަލަށްލެވިފައިވާ ސިޔާސީ ހުރިހާ ކުށްވެރިން ވަރަށް އަވަހަށް މިނިވަން ކުރެވޭނެ ކަން އޭނާ ހާމަކުރެއްވިއެވެ.
މިސްރުގެ އާ ބޮޑުވަޒީރު ޢިސާމް ޝަރަފަކީ މުބާރަކްގެ ޚުދުމުޚްތަރު ވެރިކަން ވައްޓާލުމަށްޓަކައި މައިދާނުއްތަޙްރީރަށް އެއްވި އެތަށް މިލިޔަން ބައެއްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޝަރަފްގެ ސަރުކާރުގައި ގިނައީ ތަޢްލީމާއި ތަޖްރިބާގެ ގޮތުން މަތީފަންތީގެ ޓެކްނޮކްރޭޓުންނެވެ. މީގެތެރޭގައި ޚާރިޖީ ވަޒީރު ނަބީލްއަލްޢަރަބީ ހިމެނި ވަޑައިގަންނަވައެވެ. ނަބީލްވަނީ މުބާރަކްގެ ދުވަސްވަރު މިސްރު ގެންގުނު އެމެރިކާއަށް ބޯލެނބުމުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ މިއީ ރޭވުންތެރިކަމެއްނެތް ޚާރިޖީ ސިޔާސަތެއްކަމަށް ސިފަކުރައްވާފައެވެ.
ޚާއްސަކޮށް ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތަކުގައި ބައިވެރިވެ ޣައްޒާގެ ރައްޔިތުން ނިކަމެތި ކުރުމުގައި އިސްރާއީލަށް އެއްބާރުލުން ދިނުމަށް މުބާރަކްގެ ވެރިކަމުގައި ގެންގުޅުނު ދޯދިޔާ ޚާރިޖީ ސިޔާސަތު ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިސްރުގެ ޚާރިޖީ ސިޔާސަތު މިހާތަނަށް ކުރިޔަށްދިޔައީ މިސްރަށާއި ޢަރަބީންނަށާ އަދި އިސްލާމީ އުންމަތުގެ ފައިދާއާއި މަސްލަހަތަށް ބެލުމުގެ ހަރުދަނާ އަސާސްގެ މަތިން ނޫންކަމަށާއި މިސްރުން ގެންގުޅެފައިވަނީ ބޭރުގެ ބާރުތަކުން އަންގާ އެންގުންތަކަށް ބޯލެނބުމުގެ ހަރުދަނާ ކަމެއްނެތް ސިޔާސަތެއްކަމަށްވެސް ނަބީލް ވިދާޅުވެފައިވެއެވެ. -- އަލްޖަޒީރާ، އަލްއަހްރާމް ދުވަހުނޫސް