24 Oct 2015, 15:21
އެންމެފަހުން މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި އެ ޓީމްގެ ސަޕޯޓަރުން ޗެމްޕިއަންސް ލީގުގެ ތީމް ލަވަޔަށް ފުރައްސާރަކޮށްފައި ވަނިކޮށް މެންޗަސްޓާ ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ އެ ޓީމް ގެ ސަޕޯޓަރުން ދިފާއުކޮށް ވާހަކަ ދައްކައިފިއެވެ.
ޗެމްޕިއަންސް ލީގުގައި މި ދިޔަ ބުދަ ދުވަހު ސިޓީއާއި ސެވިއްޔާ ސިޓީގެ ދަނޑުގައި ބައްދަލު ކުރި މެޗްގެ ކުރިން ސިޓީގެ ސަޕޯޓަރުން ޗެމްޕިއަންސް ލީގުގެ ތީމް ލަވައަށް ފުރައްސާރަ ކޮށްފައިވާތީ ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާ އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
ޔުއެފާގެ ޑިސިޕްލިނަރީ ކޮމެޓީން އަންނަ މަހުގެ ތެރޭގައި ސިޓީ އެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، ސިޓީގެ ކޯޗު ޕެލެގްރީނީ ބުނީ ޔުއެފާއިން ފިޔަވަޅު އަޅަންޖެހޭވަރުގެ ކަމެއް ސިޓީގެ ސަޕޯޓަރުންގެ ފަރާތުން އެ މެޗްގައި ފެނިފައިނުވާ ކަމަށެވެ.
"އަހަރެންނަކަށް ނޭނގޭ ޔުއެފާއިން ސިޓީގެ ސަޕޯޓަރުންނާ މެދު އެކަހަލަ ނަޒަރަކުން ދެކެނީ ކީއްވެ ކަމެއް. އެ މީހުން ޓިކިޓް ގަނެގެން ގޮސްތިބީ ސިޓީއަށް ސަޕޯޓް ކުރަން އިޚްތިރާމާއެކީ. ސަޕޯޓަރުންނަށް އެ މީހުންގެ އިހުސާސްތައް ހާމަކުރެވެން ޖެހޭނެ،" ޕެލެގްރިނީ ބުންޏެވެ.
މެންޗަސްޓާ ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ --- ފޮޓޯ: ދަ ގާޑިއަން
މިދިޔަ އަހަރު ޗެމްޕިއަނަސް ލީގުގެ ތެރެއިންވެސް ސިޓީގެ ސަޕޯޓަރުންނާއި ޔުއެފާއި މެދު ވަނީ މައްސަލް ގޯސްވެފައެވެ.
އެ ފަހަރު މައްސަލަޖެހުނީ ރަޝިޔާގެ ސީއެސްކޭ މޮސްކޯގެ ދަނޑުގައި އެ ޓީމް ކުޅޭ ތިން މެޗަށް ވެސް ސަޕޯޓަރުން ނުވައްދާ ގޮތަށް ނިންމާފައި ވަނިކޮށް ސިޓީއާއި ދެކޮޅަށް ނިކުތް މެޗްގައި ސީއެސްކޭ މޮސްކޯގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވާތީއެވެ.