23 Jul 2015, 12:24
އަނބިމީހާ ލައްވައި ބިދޭސީއަކަށް ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ފިރިމީހާ ހައްޔަރުކޮށް، ހަށިވިއްކި ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާ އާއި ބިދޭސީ މީހާ ހައްޔަރުކޮށްފި އެވެ. އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 9:35 ހާއިރު ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 21 އަހަރުގެ ބަނގުލަދޭޝް މީހެއް ކަމަށެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ދެމަފިރިންނެވެ. އަދި އަންހެން މީހާއަކީ ގައްދޫ މީހެއް ނޫނެވެ. އަދި ފިރިހެން މީހާ ދިޔައީ އަންހެން މީހާ ލައްވައި ފައިސާ އަށް ހަށިވިއްކަމުން ކަމަށް ވެސް ވަނީ މައުލޫމާތުލިބިފަ އެވެ.
އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ ގައްދޫ ފަޅުގެއްގެ ތެރޭގައި ހަށިވިއްކަމުންދާ ކަމަށް ގައްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ގައްދޫ ކައުންސިލުން ބުނީ އަންހެން މީހާ އެ ރަށުގައި އުޅޭތާ އަދި މަހެއް ވެސް ނުވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.