23 Jul 2015, 12:09
މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ގޮސްފައި ވާތީ އިތުރު ހަތަރު ޖަނެެރޭޓް ބޭނުންކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ ސީނިއާ އިންޖިނިއަރު އިބްރާހިމް ރައޫފު ވިދާޅުވެއްޖެ އެވެ.
އޭގެ ތެރެއިން މާލޭގައި ހުރި ކުރިން ބޭނުންނުކުރާ ދެ ޖަނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު 'ގާތްގަނޑަކަށް މި ނިމެނީ' ކަމަށް ރައޫފު ވިދާލުވި އެވެ.
"އައްޑޫ ސިޓީން އަންނަ ދެ ޖަނެރޭޓަރު ވެސް މިހާރު އަންނަ މަގުމަތީގައި ހުރީ،" ރައޫފު ވިދާޅުވި އެވެ.
އެ ޖަނެރޭޓްތައް ބޭނުންކުރަން ފެށުމުން "އެއްވެސް ދަތިކަމެއް ނެތި ކަރަންޓް ދެވޭނެ" ކަމަށް ރައޫފު ވިދާޅުވި އެވެ. މިނިވަން 50ގެ ހަރަކާތްތަކާ ގުޅިގެން އާއްމުކޮށް ކަރަަންޓް ލޯޑު ބޮޑުވާ ވަރަށް ވުރެ 2.5 މެގަ ވޯޓް ކަރަންޓް އިތުރުވާނެ ކަަމަށް ސްޓެލްކޯ އިން ބުންޏެވެ.
އައްޑޫ ސިޓީން ގެންނަ ދެ ޖަނެރޭޓަރު މާލެ ގެންނަނީ ވަގުތީ ގޮތުން ކަމަށާއި މިނިވަން 50ގެ ހަރަކާތްތައް ނިމުމުން އެ އިންޖީނުތައް އަނބުރާ އައްޑުއަށް ފޮނުވާލާނެ ކަަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
މާލެ އަށް ކަރަންޓްގެ ދަތިކަން ދިމާވި އެއް ސަބަބަކީ ސްޓެލްކޯ އިން ބޭނުންކުރަމުން އައި އަށް މެގަ ވޯޓްގެ އިންޖީނަކަށް މައްސަލަތަކެއް ދިމާވުމުން ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.