09 Mar 2011, 02:10
ބެންޣާޒީ : ރައްޔިތުންގެ އުތުރިއެރުމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ވެރިކަން ދޫކޮށްލައްވައި ޤައުމުން ބޭރަށް ފިއްލަވައި ވަޑައިގަތުމާބެހޭ ހުށަހެޅުއްވުމެއް ހުށަހަޅުއްވައިފި ކަމަށް ޚަބަރުލިބިއްޖެއެވެ.
ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ އިންތިޤާލީ މަޖިލީހުގެ ތަރްޖަމާން މުސްތަފާ ޣިރްޔާނީ ވިދާޅުވި ގޮތުގައި ގައްޒާފީ މިކަން ހުށަހެޅުއްވީ އޭނާގެ މަންދޫބެއްކަމަށްވާ ލީބިޔާގެ ކުރީގެ ބޮޑުވަޒީރު ޖާދުﷲ ޢަޒޫޒް އައްތަލްޙީ މެދުވެރިކޮށެވެ. ޖާދުﷲ އަކީ ގައްޒާފީގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލުގެ ދެބޭންގެ ދެދަރި ބޭފުޅެކެވެ.
ޖާދުﷲ ހުށަހެޅުއްވީ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ކުށުގައި ގައްޒާފީއާއި އޭނާގެ ޢާއިލާގެ މައްޗަށް ދަޢްވާ ނުކުރުން ޝަރުތުކޮށް އަމާންކަމާއެކު ލީބިޔާއިން ބޭރުވުމުގެ ފުރްސަތު ގައްޒާފީއާއި ޢާއިލާއަށް ދީފިނަމަ ވެރިކަން ދޫކޮށްލައްވައި ޤައުމުން ބޭރަށް ވަޑައިގަތުމުގެ ހުށަހެޅުމެއްކަމަށް ޣިރްޔާނީ ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވިގޮތުގައި އިންތިޤާލީ މަޖިލީހުންވަނީ ގައްޒާފީއާ މުޢާމަލާތް ނުކުރަން ނިންމާފައެވެ. އަދި ގައްޒާފީގެ އަނިޔާވެރިކަމަށް ލީބިޔާގެ ރައްޔިތުން މަޢާފް ނުކުރާނެ ކަމަށްވެސް ޣިރްޔާނީ ވިދާޅުވިއެވެ.
ގައްޒާފީވަނީ އޭނާގެ ފަރާތުން މިފަދަ ހުށަހެޅުމެއް ހުށަނާޅާ ކަމަށް ވިދާޅުވެ މިކަން ދޮގުކުރައްވާފައެވެ. ގައްޒާފީއާ ޙަވާލާދީ ލީބިޔާގެ ރަސްމީ ޓީވީ ބުނީ އިންތިޤާލީ މަޖިލީހަކީ ޣައިރު ޤާނޫނީ މަޖިލީހެއްކަމަށާއި މިމަޖިލީހަށް ގައްޒާފީގެ ފަރާތުން އެއްވެސް ކަމެއް ހުށަނާޅާކަމުގައެވެ.
އަނެއްކޮޅުން އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލްޖަލީލްވަނީ ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ހިންގާ ޖަރީމާތަކާއި އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލައި 72 ގަޑީއިރު ތެރޭގައި ގައްޒާފީއާއި އޭނާގެ ޢާއިލާ ލީބިޔާއިން ބޭރުވެއްޖެނަމަ އެމަޖިލީހުން ގައްޒާފީއާއި ޢާއިލާގެ މައްޗަށް ދަޢްވާ ނުކުރާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގައްޒާފީގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ލީބިޔާގެ ރައްޔިތުން ގައްޒާފީގެ މައްޗަށް ދަޢުވާ ކުރުމުގެ ކަންތައް ކުރިޔަށް ގެންދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
އިތުބާރުހުރި ޚަބަރުތަކެއް ބުނާގޮތުން ގައްޒާފީއާ ރަޙްމަތްތެރި ބޭރު ޤައުމަކުން ގެންދަނީ ގައްޒާފީއާއި ޢާއިލާއަށް އެޤައުމުން ޙިމާޔަތްދޭގޮތަށް ސަލާމަތްތެރިކަމާއެކު ލީބިޔާއިން ބޭރުވުމުގެ މުހިއްމުކަން ގައްޒާފީއަށް ވިސްނައިދީ ލިބިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ. -- އަލްޖަޒީރާ